ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރެއްވުމަށްފަހު ގެއަށް ވަޑައިގަންނަވަނީ "ނެތް އެއްޗަކުން އެއްޗެއް އުފެއްދުމުގެ" ހިތްހަމަ ޖެހުމާއެކު ކަމަށް އެކުންފުނީގެ އެމްޑީ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މާދަމާ އަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނެ ދުވަހެވެ. އެހެންކަމުން މިއަދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ދުވަހެވެ. އެކަމާއި ގުޅިގެން ކުންފުނީގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ ގެއަށް ވަޑައިގަންނަވާއިރު ލިބިގެންދާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހި ޒުވާނުންނަށް ކޮންމެ ފަދަ މަސައްކަތެއްވެސް ފުރުސަތު ލިބިއްޖެނަމަ އެ މަސައްކަތަކީ ކުރެވޭނެ ވަރުގެ މަސައްކަތެއްކަން ސާބިތު ކޮށްދެވުމުން ކަމަށެވެ.

ޒުވާން ޓީމަކާއި އެކު ސުމަކުން ފަށައިގެން ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގާ ކުންފުންޏަކަށް މިއަދު އާރްޑީސީ ހެދިއްޖެ ކަމުގެ އުފާ ލިބިގަންނަ ކަމަށް މޫކޭ ވިދާޅުވިއެވެ.

"އަޅުގަނޑަށް އިތުބާރު ކުރައްވާ ރައީސް ސޯލިހު ގައުމަށް ހިދުމަތް ކުރުމަށް ދެއްވި ފުރުސަތައް ހިތުގެ ހާލިސް ޝުކުރު ދަންނަވަން. ރައީސް ސޯލިހަކީ މި ގައުމުގެ ހިންގުމުގެ ދާއިރާއިން އެންމެ ގިނަ ޒުވާނުންނަށް ފުރުސަތު ދެއްވި ފަރާތް. ދިވެހި ގައުމު ދުވަހަކު ނުދެކޭ ތަރައްގީ އަތޮޅު ތެރެއަށް ގެނެސްދެއްވި ތަރައްގީގެ ޗެމްޕިއަން. ޝުކުރިއްޔާ ރައީސް،" މޫކޭ ވިދާޅުވިއެވެ.

އާރުޑީސީގެ ޗެއާމަނާއި އަދި ބޯޑު މެމްބަރުންނާއި ސީނިއާ މެނޭޖްމަންޓުން އުނދަގުލާއި ދަތީގައިވެސް އުންމީދާއި އެކު ކުރެއްވި ބުރަ މަސައްކަތާއި ބެހެއްޓެވި ގާތްކަން ދުވަހަކުވެސް ހަނދާނުން ފުހެވި ނުދާނެ ކަމަށާއި ގިނަ ބަހުސްތަކާއި ހިތްހަމަޖެހުމާއި ނުޖެހުމުގެ ތެރެއިންވެސް ކުންފުންނާއި މުވައްޒަފުންނަށް އެންމެ ރަނގަޅުގޮތް އަބަދުވެސް ހޯދުމުގައި ކުރެއްވީ ނަމޫނާ މަސައްކަތެއް ކަމަށް މޫކޭ ފާހަގަކުރެއްވިއެވެ.

އާރްޑީސީ އަށް ކުރެވުނު ކޮންމެ ތުހުމަތެއް އިދާރާތަކުން ބަލާ ނިމޭއިރު ކުންފުންޏާ އެއްކޮޅަށް ނިމިގެން ދަނީ ބޯޑުން އެކުލަވާލި ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށްވެސް މޫކޭ ވިދާޅުވިއެވެ.

"ނެތް އެއްޗަކުން އެއްޗެއް އުފެއްދުމަށް ހުރިހާ މުވައްޒަފުން ކުރި ހިތްވަރާއި އޮހޮރުވި ދަލަކީ ފަހުރުވެރިވާހާ ހިތްގައިމު ވާހަތައް. ކުންފުނީގެ ދަރަޖަ ކިޔާ ދިނުމުގައި އުދެލި، ބަރޯ، ފަކީރާ ފަދަ ވާހަކަތަކަކީ ފުރަތަމަ އަހަރުގެ ނޫސްތަކުގެ ހެޑަލައިންގައި ރަސްކަން ކުރި ވާހަކަތައް. އެ ކޮންމެ ވާހަކައެއް ކުންފުނީގެ މުވައްޒަފުން ބަލައިގަތީ ހިތްވަރު ހޯދާ ހަތިޔާރެއްގެ ގޮތުގަ. ވެރިންނަށް ކިޔަމަންވެ ކުންފުންޏާއި ޤައުމުގެ މަސްލަޙަތު އަބަދުވެސް އިސްކުރުމުގައި ސާބިތުވެ ތިބޭ ހީވާގި މުވައްޒަފުންތަކެއްކަން އަބަދުވެސް ސާބިތު ކޮށްދޭތި،" މޫކޭ ވިދާޅުވިއެވެ.

ވަރަށް ގިނަ ކަންކަން ބޭނުންވި ގޮތަށް ނުކުރެވިފަވެސް ހުންނާނެ ކަމަށާއި މުވައްޒަފުންނާއި އެކު ކުރެވުނު ކާމިޔާބު ދަތުރުގައި ނަގަން ޖެހުނު ބަދުނާމުތައް މަދެއްވެސް ނޫން ކަމަށް މޫކޭ ވިދާޅުވިއެވެ. އެއިން ކޮންމެ ވަގުތަކު މުވައްޒަފުން ގުރުބާންކޮށް ސަލާމަތް ވުމަކީ މެނޭޖުމަންޓު ސަލާމަތް ކުރަން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރި ހަމައަކީ ކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތުން ލިބޭ ރީތިނަން އަޅުގަނޑަށް ރައްދުވާ ބީދައިން ހެދޭ މިސްޓޭކްތަކުން ލިބޭ ބަދުނާމު އެޅުމުގެ ހިތްވަރު އަޅުގަނޑުގެ ހުންނަންވާނެ ކަމަށް. ނަމަވެސް މިސްޓޭކް ތަކުރާރު ނުކުރުމުގެ އާދައަށް ލެނބިގެން ދިޔަ ކަމީ ލިބުނު ބޮޑު އުފަލެއް،" މޫކޭ ވިދާޅުވިއެވެ.

މޫކޭ ވަނީ މާދަމާ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒުގެ ރިޔާސީ ދައުރަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން ބަދުނާމު އަޅުވައި ތުހުމަތު ކުރެވުނު ތިޖޫރީ އާއި 13 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވުމުގެ މައްސަލަ ޑރ. މުއިއްޒުގެ ސަރުކާރުގައި ބަލައި ދެއްވާ އިންސާފު ގާއިމް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.