މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި އެންމެ އިސްކޮށް އުޅުއްވި ކަމަށް ބެލެވޭ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ އަދަބު ލުއިކޮށްދީ އެ ދެބޭފުޅުންނަށް މައާފު ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމި ނިންމެވުމުގެ ފަހަތުގައި ހިޔާނާތުގެ ފައިސާ އެކުލެވޭ މިންވަރެއް ބެލުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.
ޑިމޮކްރެޓުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް ވައުދުވި ކަންކަމުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިންސާފު ހޯދުން ހިމެނޭއިރު އަދީބާ ޒިޔަތު މިނިވަން ކުރުމަކީ އެ ޕާޓީން އިންތިހާ އަށް ކުށްވެރި ކުރާ ކަމެއް ކަމަށެވެ.
އަދި އެ ދެބޭފުޅުން މިނިވަން ކުރުމަކީ ރައީސް ސޯލިހުގެ ސަރުކާރުގެ ކިބައިގައި ދިވެހި ދައުލަތާއި، ރައްޔިތުންގެ ހައްގުތަކަށް ކުޑަވެސް އިހްތިރާމެއް ނެތުމުގެ ދަލީލެއް ކަމަށެވެ.
"ވައްކަމާއި ހިޔާނާތުގެ ކުށަށް އެކަށީގެންވާ އަދަބެއް ނުލިބޭނޭކަން ސިޔާސީންނަށް ޔަގީންކޮށްދެއްވުމަށް ދިވެހި ރައްޔިތުންގެ ގައުމީ މަސްލަހަތުތަކާއި ދިމާ އިދިކޮޅަށް އަޅުއްވާފައިވާ މި ފިޔަވަޅަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިންނަވާ ގާނޫނީ އިހްތިޔާރުތަކާއި، ބާރުތަކުގެ ބޭނުން ނަހަމަގޮތުގައި ހިއްޕެވުން ކަމުގައި މިޕާޓީއިން ދެކޭ ކަމުގައި ދަންނަވަމެވެ" ބަޔާނުގައިވެއެވެ.
އެހެންކަމުން ޑިމޮކްރެޓުންގެ ވެރިކަމެއް ގާއިމްވަންދެން ކުރިޔަށް އޮތް ފަސް އަހަރު ވެރިކަމާއި ހަވާލުވާ ޕްރޮގްރެސިވް ކޯލިޝަނަށް ޑިމޮކްރެޓުން ވަނީ ރައީސް ސޯލިހުގެ އެ ނިންމުމުގެ ފަހަތުގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ވާ މިންވަރެއް ބެލުމަށާއި، ގޮވާލައިފައެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި އަދީބަށް ކުރިން ކުރި ހުކުމްތައް ބާތިލް ކުރުމުން އޭނާގެ މައްޗަށް އިތުރު 20 އަހަރުގެ ޖަލު ހުކުމެއް އިއްވީ މި ސަރުކާރުގައި 2020 ވަނަ އަހަރު އެވެ. އަދި ޒިޔަތުގެ މައްޗަށް ކުރިން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމް އޮއްވާ އިތުރު 12 އަހަރުގެ ޖަލު ހުކުމެއް އިއްވިތާ ދެ މަސް ވެސް އަދި ނުވެ އެވެ. އެ ބޭފުޅުން ޖަލުގައި ދުވަސްތަކެއް ހޭދަކުރި ނަމަވެސް ދައުލަތުން ގެއްލުނު 1.2 ބިލިއަން ރުފިޔާގެ ތެރެއިން އެއްވެސް މިންވަރެއް މިހާތަނަށް ހޯދިފައެއް ނެތެވެ.