ތަހުގީގު ކުރާ މައްސަލައަކާއި ގުޅިގެން އިއްޔެ އިންތިގާލީ އިންސާފުގެ އޮފީހަށް ދިޔަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމަށް ހުރަސް އަޅައިފިއެވެ.

އޭސީސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ދިޔަ ެއ ކޮމިޝަނުގެ ތަހުގީގު ޓީމުތަކަށް އެ އޮފީހުގެ ބައެއް އިސްވެރިން ހުރަސްއަޅައި، އަދި އެ ތަހުގީގަށް އެއްބާރުލުން ދެއްވި މުވައްޒަފުންގެ މަސައްކަތްތަކަށް ހުރަސްއަޅައި، މުވައްޒަފުންނަށް ދީފައިވާ ބައެއް އެކްސެސްތައް ކަނޑާލައި، އެ މުވައްޒަފުން ވަޒީފާގެ މަސްއޫލިއްޔަތުން ސަސްޕެންޑްކޮށް، އެ އޮފީހުން އެމުވައްޒަފުންނާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަން އޭސީސީން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އޭސީސީގެ ބަޔާނުގައި އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްބާރުލުން ދީ، ފަސްޖެހުމެއްނެތި ގާނޫނު ނެގެހެއްޓުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ 3 ތިން މުވައްޒަފެއް މަސައްކަތް ކޮށްދެއްވާފައިވާކަން ފާހަގަކުރިއެވެ.

އެ ކޮމިޝަނުގެ ތަހުގީގު ޓީމުން އިންތިގާލީ އޮމްބަޑްސްޕާސަންގެ އޮފީހަށް ގޮސް، އެ ކޮމިޝަނުން ހިންގާ ތަހުގީގަކަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދުމުގެ މަރުޙަލާގައި، އެ އޮފީހުން އާންމުންނަށް ދެމުންދިޔަ ހިދުމަތްތަކަށް ބުރޫއަރާފާނެ ނުވަތަ ހިދުމަތެއް ހުއްޓާލަންޖެހިދާނެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށް އޭސީސީން ބުންޏެވެ.

"ގާނޫނު އަސާސީންނާއި ގާނޫނުން މި ކޮމިޝަނާ މަތިކޮށްފައި އޮންނަ، މަސްއޫލިއްޔަތުތަކާއި މި ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި، ކޮރަޕްޝަންގެ އަމަލެއްކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ނުވަތަ ހިންގާކަމުގެ ނުވަތަ އެފަދަ ކަމެއްގެ މައްޗަށް ޝައްކުކުރެވިއްޖެނަމަ، އެ ކަމެއް ބަލައި ތަހުގީގު ކުރުމާއި، ދައުލަތް ހިންގުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަން ކުރިއެރުވުން ހިމެނެއެވެ" އޭސީސީގެ ބަޔާނުގައިވެއެވެ.

މި ވަގުތު އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކުން ކޮމިޝަނުގެ މަސައްކަތާ ހަވާލުވިތާ މިހާތަނަށް ހިނގައި މިދިޔަ 1 އަހަރާ 8 މަސްދުވަހުގެ މުއްދަތުގައި، މަސައްކަތް ކުރަމުން ގެންދަނީ، ގާނޫނު އަސާސީންނާއި ގާނޫނުން އެ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް ފަސްނުޖެހި ކަމަށް ވެސް ބުންޏެވެ.

ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމަށާއި، އެފަދަ ތުހުމަތުތައް ބަލައި ތަހުގީގު ކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ގޮންޖައްސަވައި، އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުން މަސައްކަތް ކުރަމުންގެން ދާތީ، އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ ފަރާތްތަކާމެދު، ގާނޫނުގެ އިމުގެ ތެރެއިން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް އޭސީސީން ބުންޏެވެ.