ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނިކޮށް އަދިވެސް ގުރުއަތުލުން ހައުސިން މިނިސްޓްރީން ކުރިޔަށް އެބަ ގެންދެއެވެ.

މިރޭ ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓަށް ޝަކުވާހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދާއިމީ ލިސްޓް އިއުލާން ކޮށްފައެވެ.

އޭސީސީގެ އިސް އޮފިޝަލަކު މިރޭ "ހަތާވީސް" އަށް ވިދާޅުވީ 4000 ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ހުއްޓާލުމަށް އެ ކޮމިޝަނުން މިހާރު އަންގާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ.

އޭސީސީން މިގޮތަށް އެންގި ނަމަވެސް ހައުސިން މިނިސްޓްރީން އަދިވެސް ގެންދަނީ ފްލެޓުތަކުގެ ގުރުއަތުލަމުންނެވެ. މި މަންޒަރުތައް ދައުލަތުގެ މީޑީއާ ޕީއެސްއެމްގެ "ޔެސްޓީވީ" އިން އަންނަނީ ލައިވްކޮށް ދައްކަމުންނެވެ.

ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ލިބޭނީ ދެމަފިރިންނަށް 1 ފުލެޓް ނުވަތަ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ އެއްފަރާތަކަށް 1 ފުލެޓް އެވެ. ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުނަގައިގެންނެވެ.

ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއާއެކު ޖުމްލަ 8000 ރުފިޔާއެވެ. އަދި ދެ ކޮޓަރީގެ މަހު ކުއްޔަކީ 5000 ރުފިޔާ އާއި މަރާމާތު ފީގެ ގޮތުގައި މަހަކު 1000 ރުފިޔާއާއެކު ޖުމްލަ 6000 ރުފިޔާއެވެ.

ކުލި ދެއްކުމަށް ފެށުމަށް ހަމަޖެހިފައިވަނީ ފުލެޓް ހަވާލުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑް އަކަށްފަހު އެވެ. އަދި ކުލި ދައްކަންޖެހޭ ޖުމްލަ މަހުގެ އަދަދަކީ 300 (ތިންސަތޭކަ) މަސް ނުވަތަ 25 އަހަރެވެ.