ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ވަކިވާން ތިން ދުވަހަށް ވެފައިވާއިރު އެންމެ ފަހު ކެބިނެޓު ބައްދަލުވުން އެމަނިކުފާނު މިއަދު ބާއްވައިފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި މިއަދު ވަނީ ކެބިނެޓު ބައްދަލުވުމުގެ ފޮޓޯތައް އާއްމު ކޮށްފައެވެ. ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހެއްގައި ކެބިނެޓު ބައްދަލުވުން އޮންނައިރު މިއީ ރައީސްކަމުގެ މަގާމުގައި ހުންނަވާ ރައީސް ސޯލިހު އެމަނިކުފާނުގެ ވަޒީރުންނާއެކު ބޭއްވި އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހުގެ ކެބިނެޓުގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ބައިވެރިވެވަޑައިގެންނެވިއިރު މި ބައްދަލުވުމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ފެނިވަޑައެއް ނުގަތެވެ. ރިޔާސީ އިންތިހާބަށް ފަހު 31 އޮކްޓޫބަރުގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވެސް ނާއިބު ރައީސް ފައިސަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ނަމަވެސް މިއަދުގެ ކެބިނެޓު ބައްދަލުވުންތަކުގައި ރައީސްގެ ކަނާތަށް ވާ ގޮތަށް ނާއިބު ރައީސް ފައިސަލް އިންނަވާ ތަން ހުރީ ހުސްކޮށެވެ.
އެކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ އިސް އޮފިޝަލަކު "ހަތާވީސް" އަށް މިއަދު ވިދާޅުވީ ނާއިބު ރައީސް ފައިސަލް ރާއްޖޭގައި ނޫޅުއްވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ފައިސަލް ނަސީމް ނެންގެވި ހިސާބުން ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެ މަގާމުގެ ފުރިހަމަ ދައުރެއް އަދާކުރެއްވި ހަމައެކަނި ބޭފުޅަކީ ފައިސަލް ނަސީމެވެ. ގިނަ ބަޔަކު ފައިސަލް ސިފަ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަށް ތެދުވެރި ބޭފުޅެއްގެ ގޮތުގައެވެ. އަދި މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސްގެ ރަނިންމޭޓަކު ކަނޑައެޅުއްވުމާއި ހަމައަށް ގިނަ ބަޔަކު އުއްމީދު ކޮށްގެން ވެސް ތިބީ އަދި ގިނަ ބަޔަކު ބޭނުންވެފައި ވެސް ތިބީ ފައިސަލް ރައީސްގެ ރަނިންމޭޓަކަށް ނެގުމަށެވެ. ނަމަވެސް ރައީސް ސޯލިހު ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިންމޭޓަކަށް ނެންގެވީ މިހާރުގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެން ގާތްވެފައިވާއިރު ނާއިބު ރައީސް ފައިސަލް ހާއްސަވެފައި ވަނީ އިޖުތިމާއީ އަދި ތައުލީމީ ކަންކަމުގެ މަސައްކަތްތައް ގާތުން ވިލަރެސް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
މީގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައިރޮޑް އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގެން ނައިބު ރައީސް ފައިސަލް ނަސީމަށް ރައީސްކަމުގެ މަސްއޫލިއްޔަތުތައް ވެސް ރައީސް ހަވާލުކުރެއްވިއެވެ. އަދި އެ އޮޕަރޭޝަންކޮށް ނިމުމާއި ހަމައަށް ފައިސަލް ވަނީ ރާއްޖޭގެ ރައީސްކަމުގެ މަގާމު ވަގުތުކޮޅަކަށް އަދާ ކުރައްވާފައެވެ.