އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ހުށަހަޅައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ހުރަސް އަޅަމުންދަނިކޮށެވެ. މިނިސްޓަރު އަމީރު ބަޖެޓް ބަޔާން އިއްވަން ހުރަސް އެޅުއްވުމުގެ ގޮތުން ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި، އަދި އަމީރުގެ ވާހަކަފުޅަށް ހުރަސް އެޅުމަށް އޭނާގެ މޭޒު ދޮށަށް އެއްވެ، އަޑުއުފުލާފައެވެ.

އަންނަ އަހަރަށް އާ ސަރުކާރުން ހުށަހަޅާފައިވާ ކަންކަމާ އެކު، މިނިސްޓަރު އަމީރު ހުށަހެޅުއްވި ބަޖެޓުގެ ޖުމްލަ އަދަދަކީ 49،549،713،738 އެވެ. ބަޖެޓުގެ ހަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ހަރަދުގެ ގޮތުގައި 34.8 ބިލިއަން ރުފިޔާ އާއި ކެބިޓަލް ހަރަދުގެ ގޮތުގައި 12.5 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރުގެ ބަޖެޓުން ދަރަނި ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް 14 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެއެވެ.

ސަބްސިޑީ އާއި އެހީގެ ގޮތުގައި ނުވަ ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

ދެހާސްސައުވީސް ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް 13.8 ބިލިއަން ރުފިޔާއިން ދަރަނިވެރިވާނެ ކަމަށް ލަފާކޮށްފައިވެއެވެ.