މާލެ ސަރަހައްދުގައި މީޑިއާތަކަށް ހާއްސަކޮށް މީޑިއާ ވިލެޖެއް ތަރައްގީ ކޮށްދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

މީޑިއާތަކުގެ އިސްވެރިންނާއި ނޫސްވެރިންނާއި ބައްދަލުކުރެއްވުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެއްވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަށް އަންނަ މީހަކު ފޮރުވަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ކެމްޕެއިންގައި ވައުދުވި ގޮތަށް އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މިމަހުގެ 17ވަނަ ދުވަހު ފެށޭ ސަރުކާރަކީ މީޑިއާތަކަށް، ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާނެ ސަރުކާރެއް، ދެފުއް ފެންނަ ސަރުކާރަކަށް ވެގެން ދާނެ،" މުއިއްޒު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މީޑިއާތަކުގެ އިސްވެރިންގެ ފަރާތުން ވަނީ މީޑިއާތަކަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ. އެކަމަށް ރިއާޔަތް ކުރައްވާ މުއިއްޒު ވަނީ މީޑިއާތައް ކުރިއެރުވުމަށް ދިމާވާ ފައިސާގެ ދަތިކަން ހައްލު ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށް ފާހަގަކުރައްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައި މިވަގުތު އެފައިސާ ހަމަޖައްސާފައި ނުވި ނަމަވެސް ބަޖެޓު ދިރާސާ ކުރުމުގެ ތެރޭގައި އެފައިސާ ބަޖެޓުގައި ހިމެނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން އެގޮތަށް ކުރުމަށް މިހާރު ސަރުކާރުގެ މެންބަރުން [އެމްޑީޕީގެ މަޖިލިސް މެންބަރުން]ގެ އެހީތެރިކަން ބޭނުންފުޅުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ތަމްރީނާއި ތައުލީމު ދިނުމަށް ވެސް އަޅުގަނޑު ވައުދުވިން. އަޅުގަނޑުމެން ގަސްތު ކުރަނީ ސްކޮލާޝިޕް ދީގެން ހިލޭ ކިޔަވައި ދެވޭނެ ގޮތެއް ހޯދައި ދިނުން،" މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބަށް ފޯމުލީ ދުވަހުން ފެށިގެން އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާއާ ހަމައަށް އެމަނިކުފާނު ދެއްކެވި ހުރިހާ ވާހަކަތަކަކާއި ވައުދުތައް ހިމެނޭ ފޮތެއް ކުރިޔަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެފޮތަކީ ނޫސްވެރިންނަށް ވެސް އެކަމުގެ ބޭނުން ހިފޭނެ ފޮތެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.