މަޖިލީހުގެ ރައީސްކަމަށް މެދު ހެންވާރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަން ހުށަހަޅައިފިއެވެ.

މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލާން ހުޅުވާލުމުން، ލިބުނު ފުރަތަމަ ފުރުސަތުގައި ދަ ޑިމޮކްރެޓްސްއިން ވަނީ އަލީ އާޒިމްގެ ނަން ހުށަހަޅުއްވާފައެވެ. އާޒިމްގެ ނަން މަޖިލީހުގެ ރައީސް ކަމަށް ހުށަހެޅުއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ގައްދޫ ދާއިރާ މެމްބަރު އަހުމަދު ޒާހިރެވެ.

އަސްލަމްގެ ނަން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އަސްލަމްގެ ނަމަށް ތާއިދު ކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީއެވެ.

ރައްޔިތުންގެ މަޖިލީހަށް އާ ރައީސަކު ހޮއްވެވުމަށް މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމެޓީއެއް ވަނީ ނަގާފައެވެ.

ސިއްރު ވޯޓު ގުނުމަށް ނެގި ވަގުތީ ކޮމެޓީގެ މެމްބަރުން

  • އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)
  • ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
  • ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް

މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިފައިވީނަމަވެސް، އެ ޕާޓީގެ 56 މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ. މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ އަދަދަކީ 13 އެވެ. ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ އަދަދަކީ ހަތެކެވެ. އަދި އެމްއެންޕީގެ ތިން މެމްބަރުން ތިއްބަވާއިރު، އެމްޑީއޭގެ ދެ މެމްބަރަކާއި ޖޭޕީގެ ދެ މެމްބަރުން މަޖިލީހުގައި ތިއްބަވައެވެ. އަމިއްލަ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ތިން މެމްބަރުންނެވެ.