އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އަށް ނަޝީދު ފޮނުއްވާފައިވާ ސިޓީފުޅެއްގައި މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލައާއ،ި އެ މައްސަލައާ ހެދި ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކާ މެދު އެމަނިކުފާނު ވިސްނާވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގައ،ި އަގުލަބިއްޔަތު އޮތް ޕާޓީކަމުގައިވާ އެމްޑީޕީ އިން ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ އިތުބާރު ނެތްކަމަށް ބުނެ ދެވަނަ ފަހަރަށް މިވަނީ މައްސަލަ ހުށަހަޅާފައެވެ. މި ފަހުގެ އިތުބާރުނެއްކަމުގެ މައްސަލަ ހުށަހެޅުމަށް ފަހުގައ،ި މަޖިލީހުގެ މެޖޯރިޓީ ޕާޓ،ީ އެމްޑީޕީން ގެންދަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވެގެންދާނެ އެންމެހާ އަމަލުތައް ހިންގަމުންނެވެ. މަޖިލީހުގެ ހިންގާ ގަވާއިދަކީ މަޖިލީހުގެ މެންބަރުން އެކުލަވާލާ ގަވާއިދެކެވެ. މަޖިލީހުގެ ގަވާއިދާ ގުޅޭ ގޮތުން މެޖޯރިޓީ ޕާޓީން ވަނީ އަމިއްލައަށް ފަނޑިޔާރުގެއަށް ގޮސް މަޖިލީހުގެ މެންބަރުނަށް ކަނޑައެޅިގެން ލިބިދީފައިވާ ބާރެއް ހަނިކޮށްފައެވެ. މަޖިލީހުގެ ކޮމެޓީއަކުން މަޖިލިސް ހިންގުމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް ބަންޑާރަ ނައިބު އަރިހުގައި ދަންނަވައިފިއެވެ،" ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން އެމްޑީޕީން ކޮށްފައިވާ ކަންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ވެސް މިކަމުގެ ބިރުވެރިކަމާމެދު އަލިއަޅުވާލާފައިވާ ކަމަށާއި ސުޕްރީމް ކޯޓުން ބަޔާންކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ހާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށާއ،ި އެކަމުން ކޯޓުގެ ހުކުމްތައް ސިޔާސީ ވުމަށް މަގުފަހިވެ ސިޔާސީ ކަންކަން ކޯޓުތަކުން ފައިސަލާކުރާ ބާވަތުގެ ގާނޫނީ މައްސަލަތަކަކަށް ބަދަލުވެގެން ދާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ނަޝީދުގެ ސިޓީގައިވެއެވެ.

ކޯޓުން ހައްލެއް ހޯދުމުގެ ބަދަލުގައ،ި ސިޔާސީ މައްސަލަތަކަށް ހައްލު ހޯދަންވާނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުން ބޭރުގައި އެއްބަޔަކު އަނެއް ބަޔަކާ ވާހަކަ ދައްކައިގެން ކަމަށާއި އެއް ފަރާތުން އަނެއް ފަރާތަށް އިޙްތިރާމް ކުރުމާއެކު ގައުމުގެ މަސްލަހަތު ކުރިއަށް ނެރެ ދޫދީގެން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވާއިރު ސުޕްރީމް ކޯޓުގެ އަމަލާއި ބަސް މިކަމުގައި ދިމާ ނުވީތީ ހިތާމަ ކުރާ ކަމަށްވެސް ނަޝީދުގެ އިސްތިއުފާގެ ސިޓީގައި އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައ،ި މަޖިލީހުގެ ރައީސް ކަމުގައި އަޅުގަޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުންނެވެ. އެހެންކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދެމެވެ،"
މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވި, ރައީސް މުހައްމަދު ނަޝީދު

ސިޓީ ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ ޑިމޮކްރަސީގެ އުޞޫލުތައް ދަމަހައްޓައ،ި ރައްޔިތުންގެ މަސްލަހަތަށް ޚިދުމަތް ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެމި ތިއްބަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.