ރައްޔިތުން މަޖިލީހުގެ ރިޔާސަތުން ނިންމާ ނިންމުމެއް ނަފީކޮށް އެ ނިންމުން އެހެން ގޮތަކަށް މާނަ ކުރުމުގެ ބާރު މަޖިލީހުގެ އަމީން އާއްމަށް ލިބިގެން ނުވާ ކަމަށް، މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރީ، އީވާ ނެތް ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އެއާއެކު އިއްޔެ ހެނދުނު 9:00 އަށް ޖަލްސާއެއް ބާއްވަން ނިންމާ ނަޝީދުގެ މައްސަލަ އެޖެންޑާކުރިއެވެ.

އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ގަރާރު މަޖިލީހަށް ހުށަހަޅަން ފުރުސަތު ދިނުމުގެ ކުރިން ނަޝީދާއި އީވާ އަދި ހަސަން އަފީފުވެސް އެޕާޓީ އަކަށް މިހާރު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވާ އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހެޅި ގަރާރެއް ކަމަށް ވިދާޅުވިއެވެ. އެއާއެކު އަފީފް ނިންމެވީ އެއީ ގަވާއިދާ ހިލާފު ގަރާރެއް ކަމަށެވެ. އެގޮތަށް އަފީފް ނިންމެވިއިރު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ލަފާ ދެއްވިއެވެ. ނަމަވެސް އެ ލަފައަކަށް އަފީފް ނުބެއްލެވިއެވެ.

އެއަށްފަހު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލިސް ނާއިބު ރައީސް އީވާއެވެ. އީވާ ނިންމެވީ ހެނދުނު ބޭއްވި ޖަލްސާގައި ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވާތީ އެ ގަރާރު އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.

މިއަދު މަޖިލީހުގެ ދެ ޖަލްސާއެއް ތާވަލުކުރިއެވެ. މީގެތެރެއިން އެއް ޖަލްސާގައި ނަޝީދުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އީވާ ރިޔާސަތުގައި އިންނަވާ އެ ޖަލްސާ ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

އީވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިއްޔެ ބޭއްވި ޖަލްސާގައި ނަޝީދުގެ މައްސަލަ ހުށަހަޅާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ބަޔާންކޮށް އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށް އިއުލާން ކޮށްފައި ވަނިކޮށް މަޖިލީހުގެ އަމީން އާއްމު އެ މައްސަލަ އެހެން ގޮތަކަށް މާނަކޮށް އެ ނިންމުން އަމީން އާއްމަށް ނަފީ ނުކުރެވޭނެ ކަމަށެވެ.

ތަފްސީލް އަންނަނީ....