ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ފަރާތުން ހުށަހަޅައިފިއެވެ.
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ 50 މެންބަރުންގެ ސޮއިއާއެކުގައެވެ. އެއީ އެމްޑީޕީގެ 49 މެންބަރުންނާއި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެވެ.
މީގެކުރިން އީވާ އަދި ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ ދެ މައްސަލަ ވެސް އެމްޑީޕީން އަނބުރާ ގެންދިއުމަށްފަހު ނަޝީދުގެ މައްސަލަ ވަކިން ހުށަހެޅިއެވެ. އަދި ނަޝީދަށް ދިން ނޯޓިސްގެ މުއްދަތު ހަމަވެ، އެ މައްސަލަ އެތައް ފަހަރެއްގެ މަތިން އެޖެންޑާކުރިއެވެ. އެކަމަކު އެ މައްސަލަ އެޖެންޑާކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އީވާ ހުންނެވީ އާލާސްކަންފުޅާއެވެ. އެހެންކަމުން އެމްޑީޕީން އެކަމުގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރީ، އީވާ ނެތް ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އެއާއެކު އިއްޔެ ހެނދުނު 9:00 އަށް ޖަލްސާއެއް ބާއްވަން ނިންމާ ނަޝީދުގެ މައްސަލަ އެޖެންޑާކުރިއެވެ.
އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ގަރާރު މަޖިލީހަށް ހުށަހަޅަން ފުރުސަތު ދިނުމުގެ ކުރިން ނަޝީދާއި އީވާ އަދި ހަސަން އަފީފުވެސް އެޕާޓީ އަކަށް މިހާރު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވާ އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހެޅި ގަރާރެއް ކަމަށް ވިދާޅުވިއެވެ. އެއާއެކު އަފީފް ނިންމެވީ އެއީ ގަވާއިދާ ހިލާފު ގަރާރެއް ކަމަށެވެ. އެގޮތަށް އަފީފް ނިންމެވިއިރު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ލަފާ ދެއްވިއެވެ. ނަމަވެސް އެ ލަފައަކަށް އަފީފް ނުބެއްލެވިއެވެ.
އެއަށްފަހު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލިސް ނާއިބު ރައީސް އީވާއެވެ. އީވާ ނިންމެވީ ހެނދުނު ބޭއްވި ޖަލްސާގައި ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވާތީ އެ ގަރާރު އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.
މިއަދުގެ މަޖިލީހުގައި ދެ ޖަލްސާއެއް ތާވަލުކުރިއެވެ. ހެނދުނު ތާވަލުކުރީ ބަޖެޓުގެ މަސައްކަތެވެ. ނަމަވެސް އެ ޖަލްސާގެ ކޯރަމް ހަމަނުވުމުން ޖަލްސާ ކުރިޔަކަށް ނުގެންދެވުނެވެ. ދެވަނަ ޖަލްސާގައި އޮތީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.
ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް އެޖެންޑާކުރި ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ދުންމާރި ފުމެ، ހަޅޭލަވައި މަޖިލީހުގެ ޖަލްސާ އޮތީ ހުއްޓުވައިފައެވެ.