ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރެވޭ ޖަލްސާ އަކަށް، މަޖިލީހުގެ ރައީސްގެ ނުފޫޒު ހިނގާ އެއްވެސް ފަރާތަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ލަފާ އަރުވާފައި ވާތީ، އެ ލަފާގެ މަތީން މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް އަމީން އާއްމު ފާތިމަތު ނިއުޝާ އަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީން ފާސްކޮށްފިއެވެ.

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ލަފާ ހޯދުމަށް އާއްމު ކޮމެޓީން ފާސްކުރީ އިއްޔެއެވެ.

އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިޔަށް ނުގެންދެވޭނެކަން މަޖިލީހުގެ ނާއިބު ރައީސް އީވާ ވަނީ އިއުލާން ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލިސް ހުއްޓިފައިވާ ކަމަށް ވިދާޅުވެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ އެކަމުގައި ކުރިޔަށް ދެވޭނެ ގޮތެއް ހޯދަން ބަންޑާރަ ނާއިބުގެ ލަފާ ހޯދުމަށް ހުށަހަޅުއްވައިފައެވެ. އެ ލަފާއަކީ ނަޝީދުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދުމަށް، އަމީން އާއްމު ފާތިމަތު ނިއުޝާ އަށް އެހީވުމަށް ހޯދާ ލަފައެއް ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ބޭއްވި އާއްމު ކޮމެޓީގެ ބައްދަލުވުމުގައި އޭޖީގެ ލަފާގެ މަތިން މަޖިލިސް ކުރިޔަށް ގެންދިއުމަށް ނިއުޝާ އަށް ދެންނެވުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސް ކޮށްފައެވެ.

ބަންޑާރަ ނާއިބުގެ ލަފާ:

ބަންޑާރަ ނާއިބު ރިފްއަތު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަހތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަ ކުރުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމު ކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންއާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަސައްވުރު ކުރާ ހަމައެކަނި ގޮތް،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވިދާޅުވެފައިވެއެވެ. އޭނާ އެހެން ނިންމެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލައަކާއި ގުޅިގެންނެވެ.