އާބަންކޯ އިން އިސްނަގައިގެން، ހުޅުމާލޭގައި މަދިރި ނައްތާލުމަށް ހިންގާ 'ޑެންގީ އިޖާބަ' ކެމްޕެއިން އާ ގުޅިގެން ކުރިޔަށް ގެންދާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މަދިރި ނައްތާލުމާއި ޑެންގީ އިން ރައްކާތެރިވުމަށް އާއްމުން ހޭލުންތެރި ކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ އެ ކުރެހުމުގެ މުބާރާތުގައި ބައިވެރިވެވޭނީ 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށެވެ.

'ޑެންގީ އިޖާބަ' އެ ތީމުގެ ދަށުން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިން ހުށަހަޅާ ކުރެހުމުގައި ހުންނަން ވާނީ ޑެންގީ އިން ރައްކާތެރިވުމާ ގުޅުންހުރި ކަންތައްތަކެވެ. އެގޮތުން ޑެންގީ އިން ރައްކާތެރިވާނެ ގޮތްތަކާއި، އެކަމާ ގުޅޭ މައުލޫމާތު ނުވަތަ މުޖުތަމައު ހޭލުންތެރި ކުރުމަށް ބާރުއަޅާ ކަންތައްތައް ހިމެނިދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

އެ މުބާރާތުގައި ހުށަހަޅާ ކުރެހުންތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން 1 ވަނަ އަށް ހޮވޭ ކުރެހުމަކަށް ކަނޑައެޅިފައި ވަނީ 3000 ރުފިޔާ އެވެ. 2 ވަނަ އަށް 1500 ރުފިޔާ، އަދި 3 ވަނަ އަށް 500 ރުފިޔާގެ އިނާމެކެވެ.

އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ބުދަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް 16 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހު 9:00 އާއި 14:00 އާ ދެމެދު އާބަންކޯގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅަން ވާނެއެވެ.

މަދިރި އާލާވުން ހުއްޓުވުމަށާއި، މަދިރި ނައްތާލުމަށް އާއްމުންނާ ގުޅިގެން އާބަންކޯއިން ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.