ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެޖެންޑާ ކުރެވޭ ޖަލްސާ އަކަށް، މަޖިލީހުގެ ރައީސްގެ ނުފޫޒު ހިނގާ އެއްވެސް ފަރާތަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބު ރިފްއަތު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަހތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަ ކުރުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައެއް ބެލުމުގައި، ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި ނުވަތަ އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަޙަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމު ކަމަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

"މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީންއާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދު ތަސައްވުރު ކުރާ ހަމައެކަނި ގޮތް،" ބަންޑާރަ ނާއިބު ވިދާޅުވިއެވެ.

އިއްޔެގެ ޖަލްސާގައި ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވިދާޅުވެފައިވެއެވެ. އޭނާ އެހެން ނިންމެވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލައަކާއި ގުޅިގެންނެވެ.

ރިފްއަތު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމުގެ ގަރާރަކީ މަޖިލީހުގެ ގަވާއިދުގެ 168،167 އަދި 169ވަނަ މާއްދާގައި ބަޔާންކުރާ މެންބަރުން ހުށަހަޅާ "އާއްމު" ގަރާރުތަކާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ހިނގާ ގަރާރެއް ނޫން ކަމަށެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަވާންޖެހޭ ހަމައެކަނި ޝަރުތުތަކަކީ، ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާންކުރުން ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

"މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލައަކާ ގުޅިގެން، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ހުއްޓުމެއްނެތި ކުރިއަށް ގެންދަންޖެހޭ ޖަލްސާތަކެއް ކަމެއް ކަމަށެވެ.