އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެޖެންޑާކުރި ޖަލްސާ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން ބޮއިކޮޓު ކޮށްފިއެވެ.

މިއަދު ދެ ޖަލްސާއެއް އެޖެންޑާ ކޮށްފައި އެބައޮތެވެ. އެގޮތުން ހެނދުނު 9:00ގައި އެޖެންޑާ ކޮށްފައި އޮތީ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި 2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގެ ޖަލްސާއެވެ. ނަމަވެސް ކޯރަމް ހަމަނުވުމުން އެ ޖަލްސާ ކުރިޔަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނާއިބު ރައީސް އީވާއެވެ. އެކަމަނާ ވިދާޅުވީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް ކޯރަމް ހަމަ ނުކުރުމަށް އެ މެންބަރުން ތިއްބެވީ ތަޅުމުން ބޭރުގައި ކަމަށެވެ. އެ މެންބަރުން ވަޑައިނުގެންނެވި ނަމަވެސް ކޯރަމް ހަމަވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިފައި އޮތް ނަމަވެސް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުން ސާފުކޮށް އެނގެން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ދަންނަވާފައި ވާނެ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ހާޒިރުވެވަޑައިގެންފައި ނުވަނީ ބަންޑާރަ ނާއިބުގެ ލަފައެއްގެ މަތީން ކަމަށް އީވާ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެ ލަފައަކީ ރަނގަޅު ލަފާއެއް ނޫންކަން ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ.

އެންމެ ފުރަތަމަ ދައުލަތުގެ ބަޖެޓު ހުށަހެޅި ޖަލްސާއަށް އަމީރު ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އަމީރު ވަޑައިނުގަތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިމެނީސް މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ބަންޑާރަ ނާއިބު ލަފާ ދެއްވާފައި ވާތީއެވެ. ނަމަވެސް މިއަދު ތާވަލުކުރި ޖަލްސާއަށް އަމީރު ވަނީ އާލާސްކަންފުޅާ އުޅުއްވާތީ ސަލާމް ވިދާޅުވެފައެވެ.

މިއަދުގެ 11:00ގައި އިތުރު ޖަލްސާއެއް ބާއްވަން ތާވަލު ކޮށްފައިވާއިރު އެ ޖަލްސާގައި އޮތީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެވެ.