ކުރިޔަށް ނުގެންދެވޭނެކަން މަޖިލީހުގެ ނާއިބު ރައީސް އީވާ އިއުލާންކުރި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމުގެ ގަރާރު މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ މިހާރު އާއްމު ކޮށްފައިވާއިރު އެ ޖަލްސާގައި އޮތް ހަމައެކަނި މަސައްކަތަކީ ވެސް ނަޝީދު ވަކި ކުރުމުގެ ގަރާރުގެ މަސައްކަތެވެ. މިގޮތަށް މަޖިލީހުން އެޖެންޑާ އެކުލަވާލާފައިވާއިރު އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް އެޖެންޑާ ކޮށްދެއްވުމަށް ނަޝީދު ވަނީ އަމީން އާއްމުގެ އަރިހުން އެދިވަޑައިގެންފައެވެ.

ނަޝީދަށް ދިން ނޯޓިސްގެ މުއްދަތު ހަމަވެ، އެ މައްސަލަ އެތައް ފަހަރެއްގެ މަތިން އެޖެންޑާކުރިއެވެ. އެކަމަކު އެ މައްސަލަ އެޖެންޑާކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އީވާ ހުންނެވީ އާލާސްކަންފުޅާއެވެ. އެހެންކަމުން އެމްޑީޕީން އެކަމުގައި ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމްކުރީ، އީވާ ނެތް ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އެއާއެކު މިއަދުގެ ހެނދުނު 9:00 އަށް ޖަލްސާއެއް ބާއްވަން ނިންމާ ނަޝީދުގެ މައްސަލަ އެޖެންޑާކުރިއެވެ.

އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ގަރާރު މަޖިލީހަށް ހުށަހަޅަން ފުރުސަތު ދިނުމުގެ ކުރިން ނަޝީދާއި އީވާ އަދި ހަސަން އަފީފުވެސް އެޕާޓީ އަކަށް މިހާރު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެންބަރުން ނިޒާމީ ނުކުތާ ނަންގަވާ އެ މައްސަލަ ކުރިޔަށް ނުގެންދެވޭނެ ކަމަށާއި އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހެޅި ގަރާރެއް ކަމަށް ވިދާޅުވިއެވެ. އެއާއެކު އަފީފް ނިންމެވީ އެއީ ގަވާއިދާ ހިލާފު ގަރާރެއް ކަމަށެވެ. އެގޮތަށް އަފީފް ނިންމެވިއިރު އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީން އާއްމު ލަފާ ދެއްވިއެވެ. ނަމަވެސް އެ ލަފައަކަށް އަފީފް ނުބެއްލެވިއެވެ.

އެއަށްފަހު މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ތާވަލުކުރިއެވެ. އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލިސް ނާއިބު ރައީސް އީވާއެވެ. އީވާ ނިންމެވީ ހެނދުނު ބޭއްވި ޖަލްސާގައި ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވާތީ އެ ގަރާރު އިތުރަށް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ.