ރާއްޖެ އަށް އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ޔަގީންކަމެއް ދިނުމަށްޓަކައި ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދާ ސައުދީ ބިންލާދީ ގްރޫޕްގެ ސްކޯޕުގެ ތެރޭގައި ހުރި މަސައްކަތްތަކުގެ 54 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހު އެއާޕޯޓުގެ މަސައްކަތް ނިންމާ ބޭނުން ކުރެވޭ ވަރު ކުރުމަށް ކަމަށާއި އެއާޕޯޓުގެ މަސައްކަތަކީ އެންމެ އިސްކަމެއް ދެއްވައިގެން ކުރިޔަށް ގެންދާނެ މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ސައުދީ ބިންލާދީން ގްރޫޕުގެ މަސައްކަތް ނިމުނު ނަމަވެސް އެއާޕޯޓު ބޭނުން ކުރެވޭނީ އެ ކުންފުނީގެ ސްކޯޕުގައި ނެތް މަސައްކަތްތައް ވެސް ނިންމައިގެން ކަމަށެވެ. އެގޮތުން ހުރިހާ ހިދުމަތަކާއި ގުޅުވައިދޭ ސާވިސް ރޯޑުގެ މަސައްކަތް އޮތީ އެއްވެސް ބަޔަކާއި ހަވާލު ނުކޮށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނުގެ މަސައްކަތަކަށް ވާނީ މިމަސް ނިމުމުގެ ކުރިން އެ މަގުގެ މަސައްކަތް ބަޔަކާއި ހަވާލު ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެ މަސައްކަތް އެކަނި ނިންމުމަށް ވެސް 10 ވަރަކަށް މަސް ނަގާނެ ކަމަށެވެ. މިހާރުން މިހާރަށް އެ މަސައްކަތް ހަވާލު ނުކޮށް ބޭނުންވާ ތާރީހަށް އެއާޕޯޓު ނުހުޅުވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެއިތުރުން ޑިއުޓީ ފްރީގެ މަސައްކަތް ވެސް ބަޔަކާއި ހަވާލު ކޮށްފައި ނުވާ ކަމަށާއި އެ މަސައްކަތް ނިންމުމަށް ވެސް ބަޔަކާއި ހަވާލުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖޭގައި އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ދޭން ބޭނުންވާ ޔަގީންކަމަކީ އެފަރާތްތަކަށް އިންވެސްޓު ކުރުމަށް އިތުރު ޔަގީންކަމެއް ދިނުމަށް މި މަޝްރޫއު ނިންމުމަށް ހާއްސަ ސަމާލުކަމެއް ދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
ދާދިފަހުން އަމިއްލަފުޅު ދަތުރުފުޅެއްގައި ޔޫއޭއީ އަށް ވަޑައިގެން އިންތިހާބީ ރައީސް މުއިއްޒު ވަނީ ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެ ދަތުރުފުޅަށްފަހު އެމަނިކުފާނު އެނބުރި ވަޑައިގަތުމުން އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވަނީ އެ ދަތުރުފުޅުގައި އެއާޕޯޓުގެ މަސައްކަތް ނިންމުމަށް 80 މިލިއަން ޑޮލަރު ދިނުމަށް އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެެފްޑީ) އިން ނިންމި ކަމަށް ވިދާޅުވެފައެވެ.
އެ ވާހަކަތައް މީޑިއާ އަށް ތިލަވުމާއެކު މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އެ ފައިސާއަކީ މި ސަރުކާރުން ހަމަޖައްސާފައިވާ ފައިސާ އެއް ކަމަށް ވިދާޅުވެފައެވެ. އަދި އެފައިސާ ހޯދުމުގެ ހުރިހާ މަސައްކަތެއް ނިމި، އެ ފައިސާ ލިބޭނެކަމުގެ ޔަގީންކަން މިސަރުކާރަށް އެގައުމުން ދީފައިވާ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިންތިހާބީ ރައީސް މުއިއްޒު ވިދާޅުވީ އެ ފައިސާ އަކީ އެމަނިކުފާނު ހުށަހަޅުއްވައިގެން ހަމަޖެހިގެން ދިޔަ ފައިސާއެއް ކަމަށެވެ.