ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ކަމަށް ބުނެ، އެ ގަރާރު މަޖިލީހުގައި ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ނިންމެވި ނިންމުމާއެކު މެމްބަރުންގެ އިމްތިޔާޒަށް އަރައިގެން ކަމަށް ބުނާ މައްސަލައެއް މަޖިލީހުގެ ސުލޫކީ ކޮމެޓީއަށް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހުން ބުނީ މިއަދު ހެނދުނު 9:00ގައި ބޭއްވި މަޖިލިސް ޖަލްސާގައި މެންބަރުންގެ އިމްތިޔާޒަށް އަފީފް އަރައިގެންފައިވާ ކަމަށް ގަބޫލުކުރެވޭ މައްސަލައެއް ކޮމެޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ނަޝީދުގެ ގަރާރު ހުށަހެޅިތާ އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އެ ގަރާރު މަޖިލީހުގައި ކުރިޔަށް ގެންދެވިފައެއް ނުވެއެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމާއެކު މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރިއެވެ.

މިއަދުގެ ޖަލްސާ ފެއްޓެވިއިރު ރިޔާސަތުގައި އިންނެވީ ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ނަމަވެސް ގަރާރު މަޖިލީހަށް ހުށަހެޅުއްވުމުގެ ކުރިން ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވަނީ ނަޝީދު ވަކި ކުރުމުގެ ގަރާރު ކުރިޔަށް ނުގެންދެވޭނެކަމާއި އެއީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ވިދާޅުވެ، ޖަލްސާ އަށް ހުރަސް އަޅުއްވައިފައެވެ.

އަދި ރިޔާސަތުގައި އިންނެވި އަފީފް ވަނީ ފަހުން އެ ގަރާރު ކުރިޔަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް މަޖިލީހުގެ އަމީން އާއްމު ލަފާ ދެއްވި ކަމަށްވެސްވެއެވެ.

އޭގެފަހުން މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު ތާވަލުކުރިއެވެ. ފަހުން ބޭއްވި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމް ކުރުމާއި ހަމައަށް އެޖެންޑާ ކުރިއިރު އާލާސްކަންފުޅާ އުޅުއްވި މަޖިލީހުގެ ނާއިބު ރައީސް އީވާއެވެ.

އީވާ ވަނީ ނަޝީދު ވަކި ކުރުމަށް ހުށަހަޅާފައިވާ ގަރާރަކީ މިއަދު ހެނދުނު 9:00 ޖެހިއިރު ފެށުނު ޖަލްސާގައި ރިޔާސަތުން އެ ޖަލްސާ އެ ހިސާބުން ނިމުނީ ކަމަށް ނިންމަވައި ބޭރުކޮށްފައިވާ ގަރާރެއް ކަމަށް ވިދާޅުވެފައެވެ.

"އެހެންވީމާ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިއީ މިއަދު ދެން އިތުރަށް ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށް. މި ގަރާރަކީ މަޖިލީހުގެ ރިޔާސަތުން ނިޒާމީ މައްސަލައެއްގައި ގޮތެއް ނިންމައި ބޭރުކޮށްފައިވާ ގަރާރެއް،" އީވާ ވިދާޅުވިއެވެ.