އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެއްވެސް މަގާމަކަށް އެމަނިކުފާނުގެ ބަސް ނުވިކޭނެ ބޭފުޅަކު އައްޔަން ނުކުރައްވާނެ ކަމަށާއި އެހެން ބޭފުޅެއްގެ "އެޕްރޫވަލް" ނުވަތަ ހުއްދަ ހޯދަން ޖެހޭ ފަދަ ބޭފުޅަކު އެމަނިކުފާނުގެ ޓީމުގައި ނުހިމެނޭނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހާއި ގުޅިގެން ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި މިއަދު ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވަނީ ރައްޔިތުން ގާތުގައި ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭ ވަރުގެ ޓީމެއް އެމަނިކުފާނު އެކުލަވާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. ސަރުކާރުގެ މަތި ފަޑީގައި ތިއްބަވާނެ ބޭފުޅުންނަކީ އެއިން ކޮންމެ ބޭފުޅަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ފަހުބަސް ބުނެވޭނެ ބޭފުޅުން ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.
ޑރ. މުއިއްޒު ތަކުރާރުކޮށް ވަނީ އެމަނިކުފާނާއެކު މަސައްކަތް ކުރައްވަން ކަނޑައަޅާނެ ޓީމަކީ ރައްޔިތުން އެމަނިކުފާނުގެ ފަރާތްޕުޅުން އުއްމީދު ކުރާ ވަރުގެ ނަތީޖާއެއް ނެރެދެވޭނެ ޓީމަކަށް ވާނެކަމުގެ ޔަގީންކަން ދެއްވަވައިފައެވެ.
"ދެން ތި ނިކުމެގެން އުޅޭ ލިސްޓުތަކަށް ބަލާއިރުގައި ހަމަ ގާތްގަނޑަކަށް 90 ޕަސެންޓު ރަނގަޅު. ހަމަ 95 ޕަސެންޓުވެސް ރަނގަޅޭ ކަންނޭނގެ ދަންނަވަން ޖެހޭނީ ގިނަ ނަންތައް. ދެން ކުދި ކުދި ބަދަލުތައް އެބަހުރި،" ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ޑރ. މުއިއްޒުގެ ސަރުކާރުގައި މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންގެ ލިސްޓާ ގުޅޭ ގޮތުން ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކަފުޅުގައި ސަރުކާރުގެ މަތިފަޑީގައި އަންހެން ބޭފުޅުން ތިއްބަވާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް މިހާރުވެސް ހަ އަންހެން ކަނބަލަކަށް ކުންފުނިތަކުގެ އިސް މަގާމުތައް ދެއްވުމަށް ޔަގީންކަން ދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.