އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތުގައި ދިވެހިރާއްޖެ އަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މޯދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އިންޑިއާއާ ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެއް ކަމަށެވެ. އަދި މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވަރު ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން (އެސްއޭޖީއޭއާރް) ގާއިމް ކޮށްދިނުމުގައި ވެސް އިސް ދައުރެއް ރާއްޖެ އިން އަދާ ކުރާ ކަމަށް މޯދީ ވިދާޅުވިއެވެ.
މޯދީގެ ބަޔާނުގައި ދެގައުމުގެ ރައްޔިތުންގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށްޓަކައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް އިންޑިއާ އިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ. ހަމައެހެންމެ ކުރިޔަށް އޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނާޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ގާތްގުޅުމެއް އޮތް ގައުމެކެވެ. ނަމަވެސް އެގައުމުގެ ނުފޫޒު ރާއްޖޭގެ ސަރުކާރަށް އޮތް ކަމަށް ޕީޕިއެމް/ޕީއެންސީން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ހާއްސަކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައި އެމީހުން ބާލާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
ނިމިދޔިަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު މިހާރުގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި ނަމަވެސް އެ ގުޅުމަކީ ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުން ފަދަ ކަންކަމަށް ރުހިވަޑައިގަންނަވާނެ ގުޅުމެއް ނޫން ކަމަށް ވިދާޅުވެ، ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގެ ތެރޭގައި އެމީހުން [އިންޑިއާ ސިފައިން] ރާއްޖެ އިން ބޭލުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.