ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން ދަނީ ހަމައެކަނި މިފަހަރު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ މީގެކުރިން ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިޔަށް ގޮސްފައި ހުރީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ. ރައީސް ސޯލިހް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި، ވެރިކަން ބަދަލުވެގެން ދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ.
"މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ޤައުމާއި ރައްޔިތުން،" ރައީސް ސޯލިހުގެ ވަދާއީ ހިތާބުގައި ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ހިތާބުގައި އެމަނިކުފާނު ވަނީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު އިންތިހާބު ކުރިއިރު، އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށާއި ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް ކަމަށް ރައީސްގެ ހިތާބުގައި ވިދާޅުވިއެވެ.
"ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ، ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން އެ މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމަށް ޑިމޮކްރަސީ އާ އިންސާނީ ކަރާމަތާ މިނިވަން ސިޔާސީ މާހައުލު ރާއްޖެއަށް ގެނައުމަށް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް، މަގުތަކުގައި އަމާންކަން މިއަދު އިހުސާސްވާ ކަމަށެވެ. ހިޔާލު ތަފާތުވެހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރު ކޮށްދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ