ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޮން މަސްކުގެ ސްޓާލިންކުން ރާއްޖޭގައި ހިދުމަތް ދޭން ފަށައިފިއެވެ.
ސްޓާލިންކުން ވަނީ އެކުންފުނިން ހިދުމަތް ދެމުން އަންނަ ދުނިޔޭގެ ގައުމުތަކުގެ ޗާޓުގައި ރާއްޖެ ހިމަނައިފައެވެ. އަދި އެކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވެސް ސްޓާލިންކުގެ ހިދުމަތް ރާއްޖޭގައި ދޭން ފަށާފައިވާ ކަމަށް ބުނެފައެވެ.
މިއާއެކު އެމީހަކު ބޭނުންވާ ހިދުމަތެއް ސްޓާލިންކުގެ ވެބްސައިޓުން މިހާރު އޯޑަރު ކޮށްލެވޭނެއެވެ. މީގެތެރޭގައި ގެތަކަށް ހާއްސަ ޕެކޭޖަކާއި ވިޔަފާރިތަކަށް ހާއްސަ ޕެކޭޖުތައް ހިމެނެއެވެ. މި ޕެކޭޖުތަކުގެ އަގުތައް އުޅެނީ 1،000 ރުފިޔާ އިިން ފެށިގެން 80،000 ރުފިޔާއާ ދެމެދުގައެވެ.
ސްޓާލިންކުގެ ހިދުމަތް ހޯދުމަށްޓަކައި އެކުންފުނިން ވިއްކާ ހާއްސަ ހާޑްވެއާތައް ގަންނަން ޖެހޭއިރު ގޭގެއަށް ހާއްސަ ހާޑްވެއާގެ އަގަކީ 10،000 ރުފިޔާއެވެ.
ސްޓާލިންކަށް ރާއްޖެ އިން ލައިސަންސް ދީފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 24ވަނަ ދުވަހުއެވެ. ލައިސެންސް ދޫކޮށްފައިވަނީ އެ ހިދުމަތް ދިނުމަށްޓަކައި ސްޓާލިންކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަށެވެ.
ސްޓާލިންކަކީ ސްޓްރީމިން، އޮންލައިން ގޭމިން، ވީޑިއޯ ކޯލް ފަދަ ކަންކަމަށް އެހީތެރިވުމުގެ ގާބިލްކަން ލިބިފައިވާ ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ލޯ އާތު އޯބިޓެއް ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ އަދި އެންމެ ބޮޑު ސެޓެލައިޓް ކޮންސްޓަލޭޝަންއެވެ. ސްޕޭސް އެކްސް އިން ސްޓާލިންކް ސެޓެލައިޓްތައް ލޯންޗް ކުރަން ފެށީ 2019 ވަނަ އަހަރުއެވެ.