ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދެވުމުން ސުޕްރީމް ކޯޓަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލާގައި އެ ކޯޓުން ކުރި ހުކުމަކީ މިއީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ނަގަހައްޓައިދިން ހުކުމެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް އިން ބުނެފިއެވެ.

އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ނެރުނު ބަޔާނެއްގައި މިއަދު ބުނީ ސުޕްރީމް ކޯޓުގެ އެ ހުކުމަކީ ގާނޫނުއަސާސީގެ ސިޔާދަތު ކަށަވަރުކޮށްދ،ީ ރާއްޖޭގައި އޮތް ގާނޫނީ ވެރިކަން ނަގަހައްޓައިދިން ހުކުމެއް ކަމަށާއި އަދި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމަށް އެ ޕާޓީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ހުއްޓުވުމުގެ ނިޔަތުގައ،ި މަދު ބަޔަކު ދިވެހި ދައުލަތުގެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި "މަރުތަޅު" އަޅުވާފައި އޮތް އޮތުމަށް ނިމުމެއް ގެނައުމަށްޓަކައި އެ ޕާޓީން ކުރި މަސައްކަތަށް ލިބުނު ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކ،ީ ކުރިއަށް އޮތް ތަނުގައ،ި ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފު އެއްވެސް ކަމެއް މަޖިލީހުގެ އިދާރާއިން ނުކުރެއްވުމެވެ. އަދި އެއްވެސް ފަރާތަކުން، ޑިމޮކްރެޓިކް ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީނ،ް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ނިންމުމަށް ހުރެސް އެޅިދާނެ ފަދައަކުން ކަންކަން ނުކުރެއްވުމެވެ،" އެމްޑީޕީގެ ޕީޖީގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންގެ އެންމެހައި ހައްގުތަކަށް ރައްކާތެރިވެ، ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުންމަތީ އެޕާޓީގެ މަޖިލިސް މެންބަރުން ދެމިތިބޭނެ ކަމަށެވެ. އަދި އެމަސައްތަކަށް ހުރަސްއެޅުމަށް ކުރެވޭ ކޮންމެ ކަމެއް ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، ކުރަމުން ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ނަޝީދުގެ މައްސަލަ ކުރިޔަށް ނުގެންދެވި މިހާތަނަށް އޮތީ އެފަދަ މައްސަލައެއް ކުރިޔަށް ގެންދެވޭނީ މަޖިލީހުގެ ނާއިބު ރައީސް ރިޔާސަތު ބަލަހައްޓާ ޖަލްސާއެއްގައި ކަމަށް ބަޔާން ކޮށްފައިވާތީއެވެ. ނަމަވެސް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރި އެއްވެސް ޖަލްސާއަކަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ. އީވާ ހުންނެވީ އާލާސްކަންފުޅާ ކަމަށާއި މަޖިލީހުގެ ޖަލްސާ އަށް އެކަމަނާ ސަލާމް ދަންނަވާފައިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު ވަނީ މަޖިލިސް މެންބަރުންނަށް އަންގަވައިފައެވެ.

އެކަމަށް ގޮތެއް ކަނޑައެޅުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ހުކުމުގައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓޭ މެމްބަރުން ރިޔާސަތުގައި ތިބެގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބުނާތީ، އިތުރު މެމްބަރަކަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް ހުކުމްގައިވާ ގޮތުން އެއީ ރަނގަޅު މާނަކުރުމެއް ނޫނެވެ.

އަދި މަޖިލީހުން އެގޮތަށް އަމަލުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ, ނައިބު ރައީސް ނެތަސް އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.