ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ، މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކުރިއަށް ނުގެންދެވުމުން އެމްޑީޕީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމުގައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބެލެހެއްޓޭ މެމްބަރުން ރިޔާސަތުގައި ތިބެގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ރައީސްގެ މަގާމުން ވަކިކުރުމުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ބުނާތީ، އިތުރު މެމްބަރަކަށް ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް ހުކުމްގައިވާ ގޮތުން އެއީ ރަނގަޅު މާނަކުރުމެއް ނޫނެވެ.
އަދި މަޖިލީހުން އެގޮތަށް އަމަލުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ, ނައިބު ރައީސް ނެތަސް އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ.
ނަމަވެސް ހުކުމުގައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމަކީ އިންތިހާބީ ރައީސް މަގާމުގެ ހުވާކުރައްވަން ހުރަސް އެޅޭނެ ސަބަބެއް ނޫނެވެ. އަދި މަޖިލީހުގެ ގަވާއިދުގައި ވެސް އެގޮތަށް އެކަން ބަޔާންވެފައި ނެތް ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.