ސަރުކާރު ބަދަލުވި ނަމަވެސް އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ މެދު ކަންބޮޑުވުމެއް ނެތް އިންޑިއާގެ އެގްޒިމް ބޭންކުގެ ޑެޕިއުޓީ އެމްޑީ އެން. ރަމޭޝް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އިކޮނޮމިކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ރަމޭޝް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެއްބާރުލުން ލިބުނު ގޮތަށް އަލަށް އެކުލެވޭ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައިވެސް އެއްބާރުލުނބް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

''އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެ ނިންމުންތަކަކީ ވަރަށް ބުއްދިވެރި ނިންމުންތަކަކަށް ވާނެ، އަޅުގަނޑުމެން ތާއީދު ކުރަނީ (ގައުމުގެ ތަރައްގީއަށް). އަޅުގަނޑު ވަރަށް އުއްމީދުކުރަން، މިހާރު މިއޮތް ގޮތަށް އެއްބާރުލުން ލިބޭނެ ކަމަށް. އެހެންވީމަ މިދަނޑިވަޅުގައި އަޅުގަނޑު ގެ ވަކި ކަންބޮޑުވުމެއް ނެތް އެގޮތަށް ފާހަގަކުރަން،" ރަމޭޝް އީޓީ ވިދާޅުވިއެވެ.

އެގްޒިމް ބޭންކުން އިންޑިޔާގެ އަވަށްޓެރި ގައުމުތަކަށް، އުމްރާނީ އަދި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލައިންސް އޮފް ކްރެޑިޓް ފޯރުކޮށްދެއެވެ. އެގްޒިމް ބޭންކުން ރާއްޖެއަށް 1.4 ބިލިއަން ޑޮލަރާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ.

ހަނިމާދޫ އާއި ގަން އައިލެންޑްގައި އެއާޕޯޓު ތަރައްގީ ކުރުމާއި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓްގެ އިތުރުން ގުޅީފަޅު ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އިންޑިއާއިން އަންނަނީ ކުރަމުންނެވެ. އެ ގައިޑްލައިންގައިވާ ގޮތުން އެގްޒިމް ބޭންކް އޮފް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިމެނޭ ޕްރޮޖެކްޓް ކޮންޓްރެކްޓްތަކުގެ މަދުވެގެން 75 ޕަސެންޓް ވެލިއުއަށް ބޭނުންވާ މުދަލާއި މަސައްކަތާއި ހިދުމަތް ހޯދަން ޖެހޭނީ އިންޑިއާއިންނެވެ.