ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ 4،000 ފްލެޓުތައް ހަވާލުކުރުން މަޑުޖައްސާލުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެދުނު ނަމަވެސް އެ މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

އިންތިހާބީ ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ ރައްޔިތުން އެކަމަކަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމެއް ކަމަށެވެ. އެހެންނަމަވެސް އެފަދަ މުހިއްމު ކަމެއްގައި އުސޫލުން ބޭރުން ފްލެޓުތައް ދީފައިވާ ނަމަ އެއީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ރައްޔިތަކަށް ރައީސް ސޯލިހުގެ ސަރުކާރުން ދީފައިވާ އެއްޗެއް އަލުން އަތު ނުލާނެ ކަމަށް އިންތިހާބީ ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ބޭ އިންސާފުން ކަންކަން ހިނގާފައިވާ ނަމަ އެކަމެއް ބެލިގެން ދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

"ޝަރުތު ހަމަނުވާ މީހުންނަށް ދީފައިވާ ނަމަ، އެހެން ވެސް ކަންތައްތައް ހުރި ކަމަށްވާ ނަމަ، ފިޔަވަޅު އެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވާލަން،" ފިރުޒުލް ވިދާޅުވިއެވެ.

ނާއިންސާފުގެ ކުރިމަތީގައި ނާއިންސާފުން ކަންކަން ކުރިއަށް ދާއިރު އެކަމުގައި އެއްވެސް ފިޔަވަޅެއް ނާޅާ ހުރުމަކީ ވެސް އެންމެ އަދުލުވެރި ގޮތެއް ކަމަށް އިންތިހާބީ ރައީސް ދެކިވަޑައިނުގަންނަވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގޯއްޗާއި ފްލެޓު ކޮމެޓީގެ ޗެއާމަން އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރު ދެމިއޮތްހާ ދުވަހެއްގައި އެ މަސައްކަތް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެ ކަމަށާއި އަދި އާ ސަރުކާރު ހަވާލުވުމާއި ހަމައަށް ސަރުކާރުން ކުރަން ޖެހޭ ކަންކަން ކުރިޔަށް ގެންދާނެ ކަމަށެވެ.

ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4،000 ފްލެޓުގެ ދާއިމީ ލިސްޓާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެ ފްލެޓުތައް ހަވާލު ނުކުރުމަށް އޭސީސީން ވެސް ވަނީ އަންގައިފައެވެ.