ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ އެކަމުގައި ގޮތެއް ނުނިންމާ މަޖިލީހުގެ އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.
ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރެވެ. ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު އާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކު ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ ނޯޓިސްގެ މުއްދަތު ހަމަވެ، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އެ ގަރާރު ކުރިއަށް ގެންދަން ޖަލްސާތައް ތާވަލުކުރި ނަމަވެސް، އާލާސްކަންފުޅެއްގައި އުޅުއްވާތީ ނައިބު ރައީސް އީވާ ވަނީ ސަލާން ފޮނުއްވައިފަ އެވެ.
މަޖިލީހުގެ ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާތީ އީވާ ނެތި އެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަން މަޖިލީހުގެ ގަވާއިދުގެ 205 މާއްދާގެ (ރ) އެނގޭ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލާގައި ވެ އެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ގަރާރެއް ޖަލްސާއަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު އެވެ.
އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަށް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސް އަދި ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ތަދައްހުލުވެފައެވެ.