ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވިދާނެ ހަތަރު ގޮތެއް ރައްޔިތުން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ހުށަހަޅުއްވައިފިއެވެ.
މި މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދެވޭތީ މައްސަލަ ހުށަހެޅުއްވި އެމްޑީޕީން ވަނީ އެކަމުގައި ކުރިޔަށް ދެވިދާނެ ގޮތެއް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލައިގެ އަޑުއެހުން އިއްޔެ ފެށިއިރު މިއަދު ވަނީ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވައިފައެވެ.
އެ އަޑުއެހުމުގައި އަމީން އާއްމު ވަނީ ހަތަރު ގޮތެއް ހުށަހަޅުއްވައިފައެވެ. އެ ހަތަރު ގޮތަކީ:
- އާއްމު ކޮމެޓީގެ އިސް ނެގުމުގެ މަތިން ގަވާއިދު ކޮމެޓީން މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުން
- ގަރާރެއްގެ ސިފާގައި މަޖިލީހުގެ މެންބަރަކު ގަވާއިދު އިސްލާހު ކުރަން ހުށަހެޅުން
- މައްސަލައެއްގެ ގޮތުގައި މެންބަރަކު ގަވާއިދު އިސްލާހު ކުރަން ހުށަހެޅުން
- ގަވާއިދުގެ 250 ވަނަ މާއްދާގެ ދަށުން ގަވާއިދުގައި ބަޔާންކޮށްފައިނުވާ ކަމެއް ދިމާވެއްޖެ ކަމަށް ބަލައި، މަޖިލީހުން ގޮތެއް ނިންމުން
މި މައްސަލަ ޕީޕީއެމް/ޕީއެންސީ އަދި ދަ ޑިމޮކްރެޓްސް އިން ވަނީ ތަދައްހުލުވެފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން ވަނީ މަޖިލީހުގެ އިދާރާ ގާނޫނީ ހުސް ކަމަކަށް އައިސްފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި ސުޕްރީމް ކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށް އެ ޕާޓީން ދެކެއެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތް ތަމްސީލް ކުރައްވާ އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމުން އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެކަމަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި މައްސަލަ ކުރިމަތިވެދާނެ ކަން ފާހަގަކުރި އެވެ.
ދައުލަތުން ބުނި ގޮތުގައި މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓުނަސް އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން ކޮންމެހެން ލާޒިމެއް ނޫނެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭކަން ފާހަގަކޮށް، ދައުލަތުން ބުނީ އިތުބާރު ނެތްކަމުގެ މައްސަލަ އަވަހަށް ނިންމުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ދައުލަތުން އެދުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް، ރިޔާސަތު ބަލަހައްޓާ ފަސް މެމްބަރުންގެ ތެރެއިން މެމްބަރަކު އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.
މުޅިމަޖިލިސް ހިސާރުކޮއްފައި ހަތަރުމީހުން ކުރެ އެކަކުތީ
ކޮރަކަލި