މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި އޮތަސް އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރަން ހުރަހެއް ނެތް ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމުގައި ހުންނެވުމުން ކުރިއަށް ނުގެންދެވެ އެވެ.
މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ މައްސަލަ ނިންމުމަށްފަހު އެވެ. އަދި އެ މައްސަލަ ނުނިމި އޮތްއިރު ގާނޫނު އަސާސީ ބުނާގޮތުން ރައީސް ހުވާކުރައްވަން ޖެހެނީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
ނަޝީދުގެ މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާ މެމްބަރަކު އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އޭޖީ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ނިންމި ނިންމުން ރަނގަޅު ނޫން ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމި އޮތުމުން އިންތިހާބީ ރައީސް މުހައްމަދު މުއިއްޒު ހުވާކުރައްވަން ހުރަހެއް ކުރިމަތިވޭތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އެކަމަށް ހުރަހެއް ނެތް ކަމަށެވެ. ނަމަވެސް އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގައި މައްސަލަ ކުރިމަތިވެދާނެ ކަން ފާހަގަކުރި އެވެ.
ދައުލަތުން ބުނި ގޮތުގައި މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއްގައި މަޖިލީހުގެ ރައީސަށް ރިޔާސަތު ނުބެލެހެއްޓުނަސް އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުން ކޮންމެހެން ލާޒިމެއް ނޫނެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ނުނިމެނީސް މަޖިލީހުގެ އެހެން މަސައްކަތެއް ނުކުރެވޭކަން ފާހަގަކޮށް، ދައުލަތުން ބުނީ އިތުބާރު ނެތްކަމުގެ މައްސަލަ އަވަހަށް ނިންމުމަށް ފަހު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ދައުލަތުން އެދުނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ނައިބު ރައީސް ނެތަސް، ރިޔާސަތު ބަލަހައްޓާ ފަސް މެމްބަރުންގެ ތެރެއިން މެމްބަރަކު އިންނަވައިގެން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައި ދިނުމަށެވެ.
މަޖިލީހުގެ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ އެކަމުގައި އޮތް ހައްލަކީ ގަވާއިދު އިސްލާހު ކުރުން ކަމަށެވެ. އަދި އެގޮތަށް ލަފާ ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގެ ތެރެއަށް ޕީޕީއެމާއި ޑިމޮކްރަޓްސް ޕާޓީން ވެސް ތަދައްޚުލްވެފައިވެ އެވެ. ނަމަވެސް ޑިމޮކްރަޓްސްއަށް މައްސަލައަށް ތައްޔާރު ނުވެވޭ ކަމަށް ބުނުމުން އިތުރު އަޑުއެހުމެއް އެ މައްސަލާގައި ފަހުން ބާއްވާނެ އެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.