ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރާ 4،000 ފްލެޓުގެ ދާއިމީ ލިސްޓާ ގުޅޭ ގޮތުން ލިބިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ އެ ފްލެޓުތައް ހަވާލު ނުކުރުމަށް އޭސީސީން އަންގައިފިއެވެ.
އޭސީސީން މިއަދު ބުނީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓަށްއެދި ހުށަހެޅި މީހުންގެ ތެރެއިން ފުރަތަމަ ފުލެޓް ލިބޭނެ 4000 މީހުން ކަނޑައަޅައި، ފުލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށްފައިވަނީ ޕޮއިންޓު ދިނުމުގެ އުޞޫލާ ޚިލާފަށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ނުލިބޭހެން ވަކި ބަޔަކަށް ނާޒާއިޒު މަންފާ ހޯދައި ދިނުމުގެގޮތުން ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް އެ ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ ކަމަށެވެ.
އެ ސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޕޮއިންޓު ދީފައިވާގޮތާމެދު ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ބުނީ 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތައް ކަމަށެވެ.
އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށް އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައިވެއެވެ.
އިއުލާނުގައި އިތުރަށް ބުނެފައި ވަނީ 4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތު ލުން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައިވާނެ ކަމަށެވެ.
އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށާއި އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިން މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 (އެއް) ފުލެޓެވެ ނުވަތަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 (އެއް) ފުލެޓު ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.