މަނީލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، ގެއަށް ބަދަލުކުރީ ގާތްގަނޑަކަށް މަހެއްހާ ދުވަސް މާލެ ބަންދަށް މީގެ ދެ ދުވަސް ކުރިން ދޫކޮށްލުމާއެކު ސިޔާސީ ކަންކަމުގައި ޔާމީން ބައިވެރިވާތީ ކަރެކްޝަނުން ޔާމީނާއެކު ހަދާފައިވާ އިގުރާރު އުވާލާނެ ކަމުގެ އިންޒާރު ދީފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން ކަރެކްޝަނާއި ދެކޮޅަށް ބަހެއް ނުބުނީ އެ ސަބަބަށްޓަކައި ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނީ އިގުރާރާއި އެއްގޮތަށް އަމަލުކުރުމަށް ރައީސް ޔާމީނަށް އިންޒާރު ދެއްވައިފައިވާ ކަމަށެވެ. އަދި ތަކުރާރު ކުރައްވާ ނަމަ އިގުރާރު ބާތިލް ކުރެވޭނެ ކަމަށް އެންގިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޔާމީނަށް ލުއިތައް ދެއްވުމާއެކު ޖެހިގެން އައި ރޭ އެމަނިކުފާނު ވަނީ ޕީޕީއެމް އޮފީހަށް ވަޑައިގެން ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައިގެން ވާހަކަދައްކަވައިފައެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން މިއަދު އައްޑޫ ސިޓީ އަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އަދުރޭ ވަނީ ޖަލުތަކާއި ޕެރޯލުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަޔާނެއް ނެރެފިއްޔާ އެޔަށް ޖަވާބެއް ދެއްވަން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އެބޭފުޅުން އެ ނެރުއްވި ބަޔާން ނެރުއްވާފައި އޮތީ ގާނޫނަކާ ހަވާލާދެއްވާފައި. އެހެންވީމަ އެޔަށް އެއްޗެއް ބުނުމަކީ އެހާ މުނާސަބު ކަމެއް ކަމަށް އަޅުގަނޑުމެން ނުދެކެން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭގެ ވާހަކަފުޅުގައި ޔާމީން ގާނޫނާ ހިލާފަށް އަމަލު ކުރެއްވި ކަމަކަށް ވިދާޅެއް ނުވެއެވެ. ވިދާޅުވީ ޔާމީން އަމަލު ކުރެއްވީ ކަރެކްޝަނުން ދިން ލަފަޔާ އެއްގޮތަށެވެ.