އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި އެންމެ ބޮޑި ހަރަދެއް ކުރުމަށް ކަނޑައަޅާފައި ވަނީ އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށެވެ.

އަންނަ އަހަރަށް ލަފާކޮށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅާފައެވެ. ބަޖެޓު ހަރަދު ކުރުމަށް ފަސް ބަޔަކަށް ބަހާލާފައިވެއެވެ. އެންމެ ބޮޑު ހަރަދެއް ކުރުމަށް ކަނޑައަޅާފައި ވަނީ އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށެވެ. އެއީ 8،915 މިލިއަން ރުފިޔާއެވެ. މީގެތެރެއިން ރިކަރަންޓު ހަރަދުގެ ގޮތުގައި 3،462 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު 5،452 މިލިއަން ރުފިޔާ ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅައިފައެވެ.

އިގްތިސޯދީ އަދި ސިނާއީ ކުރިއެރުމަށް ކަނޑައަޅާފައިވާ މަސައްކަތް:

- އިންޑައިރެކްޓް ސަބްސިޑީ: 2،477 މިލިއަން ރުފިޔާ

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް: 1،055 މިލިއަން ރުފިޔާ

- އެސްއޯއީތަކަށް ކެޕިޓަލް ދޫކުރުން: 942 މިލިއަން ރުފިޔާ

- ތިލަމާލެ ބްރިޖު: 827 މިލިއަން ރުފިޔާ

- މަގުހެދުން: 565 މިލިއަން ރުފިޔާ

- ގުޅީފަޅު ޕޯޓް ޑިވެލޮޕްމަންޓު ޕްރޮޖެކްޓު: 527 މިލިއަން ރުފިޔާ

- އެއާޕޯޓުތައް އެޅުމަށާއި ތަރައްގީ ކުރުމަށް: 462 މިލިއަން ރުފިޔާ

- އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް: 281 މިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުގައި ޖުމްލަ އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 33،547 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި އެންމެ ބޮޑަށް ލިބޭނެ ކަމަށް ލަފާ ކޮށްފައި ވަނީ ޓެކުހުގެ ގޮތުގައި ލިބޭ ފައިސާއެވެ.

އެގޮތުން ޓެކުހުގެ ގޮތުގައި އަންނަ އަހަރު 25،618 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު 6،659 މިލިއަން ރުފިޔާ ޓެކްސް ނޫން ގޮތް ގޮތަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި 1،270 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ މިންވަރަކީ ޓީ-ޖީއެސްޓީން ލިބޭނެ ކަމަށް ލަފާކުރާ 9،068 މިލިއަން ރުފިޔާ އާއި ބިޒްނަސް އަދި ޕްރޮޕަޓީ ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ 5،509 މިލިއަން ރުފިޔާގެ އިތުރުން ޖީއެސްޓީން ލިބޭނެ ކަމަށް ލަފާ ކުރެވޭ 4،734 މިލިއަން ރުފިޔާއވެެ.

މީގެއިތުރުން އިމްޕޯޓު ޑިއުޓީގެ ގޮތުގައި 4،023 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވާއިރު ރިސޯޓުތަކުގެ ކުލީގެ ގޮތުގައި 2،024 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި މުޅި ޖުމްލަ ރިކަރަންޓު ހަރަދަކަށް ދާނެ ކަމަށް ލަފާ ކޮށްފައި ވަނީ 34،804 މިލިއަން ރުފިޔާއެވެ. ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 8،665 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާ ކޮށްފައިވާއިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް ހިނގާނެ ކަމަށް ލަފާކުރާ 6،081 މިލިއަން ރުފިޔާއާއެކު މުޅި ޖުމްލަ 47،317 މިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.