އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުއްވުމަށް މަޖިލީހަށް ވަޑައިނުގަތުމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު "ހަތާވީސް" އަށް ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު ވަޑައިނުގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ނިންމަވާފައި ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތުގެ ލަފާގެ މަތީން ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

"އެގޮތަށް ނިންމެވީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ އޮތުމުން މަޖިލީހުގައި އިތުރު މަސައްކަތެއް ދެން ކުރެވޭނީ އެ މައްސަލަ އަށް ގޮތެއް ނިންމުމަށްފަހު ކަމަށް ބަންޑާރަ ނާއިބު ލަފާ ދެއްވާފައި ވާތީ،" މިއުވާން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ އިއްޔެ އާއި މިއަދު އެޖެންޑާ ކުރިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދަކު ލިޔެފައެއް ނުވެއެވެ.

މިދިޔަ އާދީއްތަ އަދި ހޯމަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ އަށް ވެސް މަޖިލީހުގެ ނާއިބު ރައީސް އީވާ ހާޒިރުވެވަޑައެއް ނުގަންނަވައެވެ. އަދި އެކަމަނާ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ އިދާރާ އަށް އެކަން އަންގާފައިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ މަޖިލިސް އިދާރާގެ ވެބްސައިޓުގައި އާއްމު ކޮށްފައިވާއިރު މާދަމާގެ ޖަލްސާ އަށް ނަޝީދު ވަކި ކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައެއް ނުވެއެވެ. މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނީ ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމަންޓްރީ ބަޖެޓާއި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ.

މާލިއްޔަތު ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގައި:

  • ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހަކުން، އެތަނަކަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، އެތަނުން ހިނގާނެކަމަށް ލަފާކުރާ ރިކަރަންޓް ހަރަދާއި، ކެޕިޓަލް ހަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓު އެކުލަވާލައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީހަށް، ނުވަތަ އެ ތާރީހުގެ ކުރިން، މިނިސްޓަރަށް އެ ބަޖެޓު ފޮނުވަންވާނެއެވެ.
  • ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.