މަނީލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން، ގެއަށް ބަދަލުކުރީ ގާތްގަނޑަކަށް މަހެއްހާ ދުވަސް މާލެ ބަންދަށް މީގެ ދެ ދުވަސް ކުރިން ދޫކޮށްލުމާއެކު ބޭއްވި ޖަގަހަ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑާޝިފްގެ ގިނަ ބޭފުޅުން ބައިވެރިއެއްނުވެއެވެ.

މީގެކުރިން ރައީސް ޔާމީން ބައިވެރިވާ ޖަގަހަ ޖަލްސާތަކުގައި މީގެކުރިން އަބަދުވެސް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ހުރިހާ ބޭފުޅުންހެން ބައިވެރިވެވަޑައިގަންނަވައެވެ. އެހެންނަމަވެސް މިރޭ ފެނިގެން ދިޔައީ އެއާ ހިލާފަށް ލީޑާޝިޕްގެ ދެތިން ބޭފުޅެއް ބައިވެރިވެވަޑައިގެންނެވި މަންޒަރެވެ.

ޖަގަހަ ޖަލްސާ އަށް ރައީސް ޔާމީން ޕީޕީއެމް އޮފީހަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާއްމު މެންބަރުން ޕީޕީއެމްގެ ޖަގަހަ ޖަލްސާ ބާއްވާ މާލަމުގައި ތިއްބެވެ. ސަޕޯޓަރުންނަށް ހަނާ އެޅުއްވުމަށްފަހު ޔާމީނަށް ހާއްސަ ކުރެވިފައިވާ ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުމުން އެމަނިކުފާނަށް ވާތަށް ހުރި ގޮނޑިކޮޅުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އިށީންނެވިއެވެ. އަދި ކަނާއަތަށް ހުރި ގޮނޑިކޮޅުގައި ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ވަކީލުން ޓީމުގައި އެންމެ އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު އިށީންނެވިއެވެ.

ކުރީ ސަފުން ފެނިވަޑައިގަތީ މިދެބޭފުޅުން އެކަންޏެވެ. ނަމަވެސް ޔާމީން ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނާއިފް ޝައުކަތާއި ކުރީގެ މަޖިލިސް މެންބަރު ރިފާއު (ބޮޗޭ) ޖަގަހަ ޖަލްސާ އިން ފެނިވަޑައިގަތެވެ. ލީޑާޝިޕްގެ ބޭފުޅުން މި ޖަލްސާގައި ބައިވެރިވެވަޑައިނުގަތް ސަބަބެއް ޕީޕީއެމް އަދި ޕީއެންސީން ވެސް ހާމަ ކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަގަހަ ޖަލްސާގައި ދެޕާޓީގެ ލީޑާޝިޕުގެ ބޭފުޅުން ބައިވެރިވެވަޑައިނުގެންއިރު ރޭ ޕީޕީއެމް އޮފީހަށް ވަޑައިގެން ޔާމީން ސަޕޯޓަރުންނާ ބައްދަލު ކުރެއްވި ބައްދަލުވުމުގައި ވެސް ލީޑާޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ބައިވެރިވެވަޑައިގަތީ ޑރ. ޖަމީލާއި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް (ޓޮމް) އެވެ.

ރޭގެ އެ ބައްދަލުވުމުގައި ޔާމީން ވަނީ ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުން އެޕާޓީން ވަކިކޮށް ޕީއެންސީ އަށް ވައްދާ މައްސަލާގައި ނުރުހުން ފާޅު ކުރައްވާފައެވެ. ޔާމީން ވަނީ އެ ދެޕާޓީ އަކީ އެއް ފިކުރެއް ކަމަށް ވިދާޅުވެފައެވެ.