ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލި މައްސަލަ އާއި ރާއްޖޭގެ ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކުރާ މަސައްކަތުގެ އަދާހަމަ ދިވެހި ރައްޔިތުންނަށް ދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ކުރީގެ ރައީސް ޔާމީން ގޮވާލައިފިއެވެ.

ޔާމީން ގެއަށް ބަދަލުކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށެވެ. އޭގެފަހުން ސަރުކާރުން މީގެ ދެ ދުވަސް ކުރިން ވަނީ ރައީސް ޔާމީން މާލެ ބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލައިފައެވެ.

އެއާއެކު އެމަނިކުފާނު ރޭ ވަނީ ޕީޕީއެމްގެ މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އަދި މިރޭ ޕީޕީއެމްގެ އޮފީހުގައި ވަނީ ޖަގަހަ ޖަލްސާއެއް ބާއްވައިފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ޕީޕީއެމް-ޕީއެންސީ އަށް ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ޑރ. މުއިއްޒަށް ވޯޓު ދެއްވީ ދެ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެ ދެކަންތަކަކީ ޕީޕީއެމް-ޕީއެންސީ އިން އެންމެ ބޮޑަށް ދެއްކި ވާހަކަތައް ކަމަށާއި ރައްޔިތުން ދިން ވޯޓަށް ހިޔާނާތްތެރިވެގެން ނުވާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން މިހާރު މިއޮތް އަޅުގަނޑުމެން [ޕީޕީއެމް-ޕީއެންސީ]ގެ ސަރުކާރު، މިކަން ކުރާނީ ކިހާ މިންވަރަކަށްތޯ ކިހާ އަވަހަކަށްތޯ އެއީ ދެން ސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ [ޑރ. މުހައްމަދު މުއިއްޒު] ގެ އަތްޕުޅުގައި އޮތް ކަމެއް. ނަމަވެސް އެހެންނަމަވެސް އަޅުގަނޑާ އަޅުގަނޑަށް ތަބާވާ ހުރިހާ އެންމެން ޕީޕީއެމް-ޕީއެންސީގެ ހުރިހާ އެންމެން ބޭނުން ވާނެ މިދެންނެވި ބޮޑެތި އިހުމާލުތައް މި ދެންނެވި ބޮޑެތި ޖަރީމާތައް އެ އިންސާފު ލިބިގެން ދިއުމަކީ އަޅުގަނޑުމެން ހުރިހާ ރައްޔިތުން އެދޭނެ ކަމެއް،" ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކަނޑުގެ މައްސަލަ ހައްލުކޮށް އިންޑިއާގެ ސިފައިން ރާއްޖެ އިން ފޮނުވާލުމުގެ މައްސަލަ ހައްލުވެއްޖެ ނަމަ އެމަނިކުފާނަށް ފުދިވަޑައިގަންނަވާ ކަމަށެވެ. އެ ދެކަންތައް ހައްލުވެއްޖެ ނަމަ ދިވެހި ރައްޔިތުން މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދެއްވާނެ ކަމަށެވެ.

"މިހާރު ހޮވިފައި މިހިރަ އަޅުގަނޑުމެންގެ ރައީސް އެންމެ ފުރަތަމަ ކުރައްވަން ޖެހޭ މަސައްކަތަކީ މި ދެންނެވި ދެ މަސައްކަތް. އަދި، ރައްޔިތުންނަށް ދޭތެރެ ދޭތެރެއިން އެބަ އިއުލާނު ކޮށްލަން ޖެހޭ ކުރައްވާ މަސައްކަތުގެ ސްޓޭޓަސްއަކީ ކިހާ ވަރެއްކަން. ކިހާ ވަރެއްގެ ޕްރޮގްރެސްއެއް އޮތްކަން،"
ކުރީގެ ރައީސް ޔާމީން

ޔާމީން ވިދާޅުވީ އެކަން އެގޮތަށް މުއިއްޒުގެ ސަރުކާރުން ނުކުރައްވައިފި ނަމަ އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ "އިންޑިއާ އައުޓް" ޖަހައިގެން ޓީޝާޓުތައް ހަދައިގެން މަގުތަކަށް ނިކުތް ގޮތަށް "އިންޑިއާ އިން" ޖަހައިގެން މަގުތަކަށް ނިކުންނަން ކަމަށެވެ.