ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭ ގޮތް މިއަދުވެސް ނުވެ، އެކަމަށް ހައްލެއް ހޯދަން މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށް ދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނަވަންވާނީ މަޖިލީހުގެ ނައިބު ރައީސެވެ. މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތެއްގައި ދެން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދަކު ލިޔެފައެއް ނުވެއެވެ.
އެއާއެކު ނަޝީދު މަގާމުން ދުރު ކުރުމަށް 49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް މައްސަލަ މިއަދަށް އެޖެންޑާ ކޮށްފައި އޮތް ނަމަވެސް ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މަޖިލީހުން ވަނީ ނިންމަވައިފަ އެވެ.
އެހެންކަމުން ނައިބު ރައީސް މަޖިލީހަށް ހާޒިރު ނުވާ ހާލަތެއްގައި ޖަލްސާ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ އެމްޑީޕީއިން މިއަދު ވަނީ މައްސަލައެއް ހުށައަޅައިފައެވެ. ނަމަވެސް އެ މައްސަލަ ލިބުނު ކަމެއް އަދި އެ ކޯޓުން ކަށަވަރެއް ނުކޮށްދެ އެވެ.
މަޖިލީހުގެ ގަވައިދުގެ 250 ވަނަ މައްދާގައި ބުނާ ގޮތުން މަޖިލީހުގެ ނިންމުންތަކާއި އުސޫލުތަކުން ހައްލެއް ނުލިބިއްޖެ ނަމަ ރިޔާސީ ނިޒާމް ގާއިމް ކުރެވިފައިވާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގައި އަމަލު ކުރާ އާންމު އުސޫލަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވަކިކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ހުށަހަޅާފައިވާ މައްސަލަ ފާސްކުރަން، ތްރީލައިން ވިޕެއް ވެސް އެ ޕާޓީން ވަނީ ނެރެފައެވެ. އަދި އެހެންމެ ނަޝީދު ރިޔާސަތުގައި އިންނަވައިގެން، އަންނަ މަހު 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ހުވާ ސައްހަ ނުވާނެ ކަމަށާއި، އެ މަނިކުފާނުގެ ކެބިނެޓަށް ވެސް ރުހުން ނުދޭނެ ކަމުގެ އިންޒާރު ވެސް އެމްޑީޕީން ވަނީ ދީފަ އެވެ.