ސްޕެނިޝް ލީގުގައި ރޭ ފަހަތުން އަރައި ބާސެލޯނާގެ މައްޗަށް އެ ޓީމުގެ އެންމެ ބޮޑު ވާދަވެރިޔާ ރެއާލް މެޑްރިޑް ކުރި ހޯދި މެޗުގައި އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ވިދާލައިފިއެވެ.
ރޭ ބާސެލޯނާގެ ދަނޑުގައި ކުޅުނު އެލްކުލެސިކޯ މެޗުން ރެއާލް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު 11 މެޗުން 28 ޕޮއިންޓް ހޯދައިގެން ރެއާލް ވަނީ ތާވަލުގެ އެއްވަނައިގެ މަގާމު ދަމަހައްޓައިފައެވެ. ދެވަނައިގައި އޮތް ޖިރޯނާއިންވެސް 28 ޕޮއިންޓް ހޯދާފައިވާއިރު، ރޭގެ މެޗުން ބަލިވި ބާސެލޯނާ ތިންވަނައިގައި އޮތީ 24 ޕޮއިންޓާއެކުއެވެ.
ސްޕެނިޝް ލީގުގެ އެންމެ ފޯރިގަދަ މެޗު ކަމަށްވާ އެލް ކުލެސިކޯގެ މަޝްހޫރު މެޗު ބާސެލޯނާއިން ފެށީ ގޯލަކުންނެވެ. މެޗުގެ ހަވަނަ މިނެޓްގައި މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ މިފަހުން އެ ޓީމާ ގުޅުނު އިލްކާއި ގުންޑޮވާންއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ގޯލެއް ކާމިޔާބު ކުރަން ބާސާގެ ޒުވާން މިޑްފިލްޑަރު ފާމިން ލޮޕޭޒަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ބާސާގެ ޑިފެންޑަރު މާޓިނޭޒް ފޮނުވާލި ހަމަލާއެއް ވެސް ގޯލުގެ ދަނޑި އަށް އަމާޒުވި އެވެ.
ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ރެއާލުން ކުޅުން ރަނގަޅުކޮށް ބަދަލުތަކެއް ވަނީ ކޮށްފައެވެ. މިޑްފީލްޑަށް ކުޅޭ ލޫކާ މޮޑްރިޗް ކުޅެން ނުކުމެ ރެއާލުގެ މުޅި ގޭމް ބަދަލުކޮށްލި އިރު، ރެއާލުން ނަތީޖާ އެއްވަރުކުރީ މެޗުގެ 68 ވަނަ މިނެޓްގައި ޖޫޑް ބެލިންހަމް ކާމިޔާބުކުރި ގޯލުންނެވެ.
ބާސެލޯނާގެ ޕެނަލްޓީއޭރިއާގެ ވެސް މާދުުރުން ބެލިންހަމް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. ދެވަނަ ހާފުގައި ރެއާލުން ބާސާގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު މި މެޗުން މޮޅުވި ގޯލު އެންމެފަހު ވަގުތުކޮޅުތެރޭ ރެއާލަށް ކާމިޔާބުކޮށްދިނީ ވެސް ބެލިންހަމް އެވެ. މި ގޯލު އޭނާ ކާމިޔާބު ކުރީ ބާސާގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މިއީ ބެލިންގްހަމް މިދިޔަ ސީޒަނުގައި ޑޮޓްމަންޑް ދޫކޮށް ރެއާލާ ގުޅުނު ފަހުން އޭނާ ކުޅުނު 13 މެޗުން ކާމިޔާބު ކުރި 13 ވަނަ ގޯލެވެ.