ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރައްވަން ނިންމަވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ހައިކޯޓުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައިވާ ކަމަށެވެ. އެ ބޭފުޅަކީ އެކޯޓުގެ ގާޒީ މަރިޔަމް ވަހީދެވެ.

ހުސައިން ޝަހީދުއަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާއިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗެލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. 2014 ނޮވެމްބަރު 26 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާކުރެއްވި ޝަހީދުއަކީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަހީދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރެވިފައިވާ މަރްޔަމް ވަޙީދު އަކީ ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން އިން ބެޗެލާސް އޮފް ލޯސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2016 އޭޕްރީލް 13 ގައި ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރެވުމުގެ ކުރިން މަރްޔަމް ވަހީދު ވަނީ ކ.ގާފަރު މެޖިސްޓްރޭޓް ކޯޓާއި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައެވެ. މަރްޔަމް ވަޙީދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ 2013 ޖަނަވަރީ 08 ވަނަ ދުވަހުއެވެ.