ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން ވޯޓު ނުނަގައިފި ނަމަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދޭނެ ކަމަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ބުނެފިއެވެ.
އެމްޑީޕީ ޕީޖީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ދެން ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ވޯޓަށް އެހުމަށް ފަހު ކަމަށެވެ.
އެގޮތަށް އެ ޕާޓީގެ ޕީޖީން ނިންމާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލީހުން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރި ކަމަށާއި އެގޮތުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ޖަލްސާވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި އެއްވެސް މަސައްކަތެއް ދެން އެ ވޯޓު ނެގުމަށް ފަހު ނޫނީ ނުކުރަން މިހާރު އެ ވަނީ ނިންމާފައި. އެއީ މަޖިލީހުން ކުރަން ޖެހޭ ކަމެއް." އަސްލަމް ވިދާޅުވިއެވެ.
އިތުބާރު ނެތް މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި ގަދަ ބާރުން އިންނަވައިގެން އެއްވެސް ކަމެއް ނުކުރެއްވުމަށް ނަޝީދަށް އަސްލަމް ގޮވައިލެއްވިއެވެ.
"އިތުރު ހުރަހެއް، އިތުރު ހުއްޖަތެއް ނެތް އެ މައްސަލަ ކުރިއަށް ގެންދިއުމަށް. ހަގީގަތަކީ ނެތްކަން އިތުބާރެއް، އިތުބާރު ނެތީމަ އިތުބާރު ނެތް ކަމަށް 49 މެމްބަރުން ސޮއިކޮށްފައި، 44 މަޖިލީހުގެ މެޖޯރިޓީއަކީ. އެކަމަކު އެއަށްވުރެ ގިނައިން ސޮއިކުރައްވާފައި'' އަސްލަމް ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ތާވަލްކޮށްފައި އޮތީ އަންނަ އާދިއްތަ ދުވަހަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ