އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ތެރެއިން އަލަށް އިންތިހާބުވި ސަރުކާރަށް ލިބެނީ ހަނި ޖާގައެއް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފިއެވެ.
ނިމިގެންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓް ބަޖެޓެއް ހުށަހަޅާފައެވެ. ފިރުޒުލް ވިދާޅުވީ އެ ސަޕްލިމެންޓަރީ ބަޖެޓަކީ މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ކަންކަން ހަމަނުޖެހިދާތީ އެކަންކަން ފޫބެއްދުމަށް ނިންމި ނިންމެވުމުގެ ތެރެއިން ހުށަހަޅާ ބަޖެޓެއް ކަމަށެވެ. އެއީ އިންތިހާބި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފަރާތުން އެދިވަޑައިގަތުމަކަށް ނުވަތަ އެފަދަ މަޝްވަރާއެއްގެ ތެރެއިން ހުށަހަޅާ ބަޖެޓެއް ނޫންކަން އޭނާ ތަކުރާރުކުރެއްވިއެވެ.
''...މި މަސައްކަތުގެ ތެރެއިން މި ލިބުނު ކުޑަވިންޑޯއގެ ތެރެއިން އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކަށްވަނީ އަލަށް ފެށިގެންދާ ސަރުކާރުގެ 100 ދުވަހުގެ ޕްލޭނަށް ބޭނުންވާ މަސައްކަތުގެ ބިންގާ އެޅިގެން އެކަންކމަށް މަގުފަހިކުރުން'' އެ މަގަށް ސަޕްލިމެންޓަރީ ބަޖެޓުގެ ތެރެއިން ގޮންޖެހުންތަކާއެކުވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން އިންތިހާބީ ރައީސް އެކުލަވާލައްވާފައިވާ ބަޖެޓު ކޮމިޓީން ފިނޭންސް މިނިސްޓްރީގެ ޓެކްނިކަލް ޓީމަކާއި އެކު މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތެރޭގައި ހިމަނަން ބޭނުންވާ ކަންތައްތައް އެކުލާވާލުމުގެ މަސައްކަތްތަކާއި އަދި ހަމަ ރަށްރަށުގައި ހިނގާ މަޝްރޫއުތަކާއި ޖުމްލަ ގޮތެއްގައި ބަޖެޓުގެ ތަސައްވަރު ހިމެނޭ ކަންތައްތަކާއި އިސްކަންދެއްވާނެ ކަމަށް ވިދާޅުވިއެވެ.
''ޖުމްލަ ގޮތެއްގައި އާ ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ވައުދުތައް ފުއްދުމާއެކުގައި 2024 ވަނަ އަހަރަށް އެކަނި ވިސްނުމުގެ ބަދަލުގައި ދުރަށް ވިސްނައިގެން އެންމެ ފަހި އުއްމީދީ މަގަކަށް ގެންދިޔުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ ގިނަކަންތައްތަކަކީ މި ސަރުކާރުގެ ތެރެއިން ހިނަގަމުންދާ މަޝްރޫއުތައް ކަމަށެވެ.
'' 2024 ވަނަ އަހަރުގެ ބަޖެޓުގެ ތެރެއިންވެސް އަޅުގަނޑުމެންނަށް މި ލިބެނީ ހަނި ޖާގައެއް. ހަނި ޖާގައެކޭ އަޅުގަނޑު މި ދަންނަވާ ސަބަބަކީ އަންނަ އަހަރުގެރ ބަޖެޓުގެ ތެރޭގައިވެސް މައިގަނޑު ގޮތެއްގައި ހިމެނިގެން އަންނަނީ ހިނގަމުންދާ ސަރުކާރުގެ ތެރެއިން ހިނގަމުންދާ މަޝްރޫއުތަކައީ އަދި ހަމަ އެހެންމެ ތަރުތީބުވެގެން އަންނަ މާލީ ޒިންމާތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ވާރުތަވާ ކަންތައްތައް" ނަމަވެސް އިންތިހާބީ ރައީސް އާއި ޓީމުން މަސައްކަތްކުރަނީ މިހާރު މިއޮތް ހާލަތުން ފަހި ހާލަތަކަށް ގެންދިޔުން ކަމަށް ވިދާޅުވިއެވެ.