މިހާތަނަށް ތިން ބައްރަކަށް މެޗުތައް ބަހާލައިގެން ބާއްވާ ފުރަތަމަ ވޯލްޑްކަޕުގެ ފައިނަލް މެޗު ކުޅޭނެ ސްޓޭޑިއަމް ކަށަވަރުކުރަން މޮރޮކޯއިން މަސައްކަތް ފަށައިފިއެވެ.

2030 ވަނަ އަހަރު އޮންނަ ވޯލްޑްކަޕް ވެގެންދާނީ އެހެން މުބާރާތްތަކާ ޚިލާފަށް ޔޫރޮޕް، އެފްރިކާ އަދި ދެކުނު އެމެރިކާގައި މެޗުތައް ކުޅެވިގެންދާނެ މުބާރާތަކަށެވެ. އެ މުބާރާތް ބޭއްވުމަށް ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯއިން ކުރި ބިޑް މި މަހުގެ ކުރީކޮޅު ކާމިޔާބުކުރިން ފީފާއިން ވަނީ އިއުލާންކޮށްފައެވެ. އަދި ވޯލްޑްކަޕް ބާއްވާތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ މުބާރާތް ފުރަތަމަ ބޭއްވި ދެކުނު އެމެރިކާގެ ގައުމުތަކުގައި ވެސް ބައެއް މެޗުތައް ކުޅޭނެކަން ފީފާއިން އިއުލާންކުރިއެވެ.

އެ މުބާރާތުގެ ފުރަތަމަ ތިން މެޗު އާޖެންޓީނާ، އުރުގުއޭ އަދި ޕެރަގުއޭގައި ކުޅޭއިރު، ބާކީ މެޗުތައް ކުޅޭނީ ސްޕެއިން، ޕޯޗުގަލް އަދި މޮރޮކޯގެ ސްޓޭޑިއަމްތަކަށް ބަހާލައިގެންނެވެ. ނަމަވެސް ފައިނަލް ކުޅޭނީ ކޮން ސްޓޭޑިއަމެއްގައިކަން ފީފާއިން މިހާތަނަށް އަދި އިއުލާނެއް ނުކުރެއެވެ. ފީފާއިން ރަސްމީކޮށް އެކަން އިއުލާން ނުކުރި ނަމަވެސް މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި 2030 ގެ ފައިނަލް ކުޅުން އެންމެ ގާތީ ސްޕެއިނުގެ ކެޕިޓަލް މެޑްރިޑްގައެވެ. އަދި އެކަމަށް އެންމެ މުނާސަބު ސްޓޭޑިއަމަކީ ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނެބިއުކަމަށް އެކުލަބުގެ ކޯޗު ކާލޯ އެންޗެލޮޓީވެސް ވަނީ ބުނެފައެވެ.

"ވޯލްޑްކަޕް ފައިނަލް އޮންނަންވާނީ މެޑްރިޑްގައި. އެއީ ސްޕެއިނުގެ ކެޕިޓަލަށް ވުމާއެކު، ގިނަބަޔަކު އެކަމަށް ތާއީދުކުރާނެ ކަމަކަށްވާތީ. އަދި ސަންޓިއާގޯ ބާނެބިއު އެއީ އެކަމަށް އެންމެ މުނާސަބު ސްޓޭޑިއަމް. އެއީ ދުނިޔޭގެ އެންމެ ފުރިހަމަ އެއް ސްޓޭޑިއަމް. އެކަން އެހެން ވުމަކީ ސްޕެއިނުގެ ފުޓުބޯޅަ ސަޕޯޓަރުންގެ އެދުމެއް،" އެންޗެލޮޓީ ބުނެފައިވެއެވެ.

ރެއާލްގެ ދަނޑުގައި 2030 ގެ ފައިނަލް ކުޅޭނެ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް މޮޮރޮކޯއިން ވެސް އެ މެޗު އެގައުމުގައި ކުޅެން ބޭނުންވާކަން ވަނީ ހާމަކޮށްފައެވެ. މިދިޔަ އަހަރުގެ ވޯލްޑްކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދައި، ގިނަބަޔަކު ސިއްސުވާލި މޮރޮކޯއިން ވޯލްޑަކަޕް ފައިނަލް ކުޅެން ހުށައަޅާނެ ކަމަށް ބުނެފައިވާއިރު، ފީފާއިން 2026 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕްގެ ފައިނަލް ކުޅޭނެ ސްޓޭޑިއަމެއްވެސް މިހާތަނަށް އިއުލާނެއް ނުކުރެއެވެ.

2026 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅޭނީ ކެނަޑާ، އެމެރިކާ އަދި މެކްސިކޯގެ ސްޓޭޑިއަމްތަކުގައެވެ.