"2018 ވަނަ އަހަރު ރައީސް ޔާމިންގެ ސަރުކާރު ނިމިގެން ދިޔައިރު، އަޅުގަނޑު ހަނދާންވަނީ، މުޅި ކުންފުނީގެ މުވައްޒަފުން އަދަދަކީ، 2،700 ކޮންމެވެސް ވަރެއް. އެހެން ނަމަވެސް މިހާރު މައުލޫމާތު ލިބޭ ގޮތުގައި 8،000އަށްވުރެ ގިނައިން އެ ކުންފުނީގެ މުވައްޒަފުން އެބަ ތިބި،" ނިމިގެންމިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކުންފުނީގެ މުވައްޒަފުންގެ އަދަދު ގިނަކަން ފާހަގަކުރައްވާ އިންތިގާލީ އޮފީހުގެ ވެރިޔާ އަބްދުއްރަހީމް (އަދުރޭ) ރޭ "ސަންގު ޓީވީ"ގައި ވިދާޅުވިއެވެ.

ރޭ އެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ކުރީގެ ރައީސް އަދި އެޕާޓީގެ މިހާރުގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ އިންތިގާލީ މަރުހަލާގައި ކުންފުނިތަކުން މައުލޫމާތު އެއްކުރުމުން ފެނުނީ ފެނަކަ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ މަންޒަރު ކަމަށެވެ.

ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު މި ސަރުކާރުން ތިން ގުނަ އިތުރުކޮށްފައިވާ ކަމަށެވެ. އަބްދުއްރަހީމް ސިފަކުރެއްވި ގޮތުގައި ފެނުނު މަންޒަރަކީ ސަރުކާރުން ކުންފުނިތައް މާލީ ގޮތުންނާއި ހިންގުމުގެ ގޮތުންވެސް ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައިވާ އޮތްތަން ކަމަށެވެ.

ތަފްސީލުތައް ހިއްސާކުރައްވަމުން އަދުރޭ ވިދާޅުވީ ކުރާނެ އެއްވެސް މަސައްކަތެއް ނެތް މުވައްޒަފުންވެސް ނަގާފައިވާ ކަމަށެވެ.

"ވަރަށް ދަށު ދަރަޖައިގައި ފެނަކަ އޮތީ، މާލީ ގޮތުން ބޮޑު އަނދަވަޅެއްގެ ތެރޭގައި އޮތީ، ދަރަނިވެރިވެފައި އޮތީ،" މަހެއްހާ ދުވަސް އަދުރޭ ވިދާޅުވިއެވެ.

"އެނޫނަސް، ބައެއް ކުންފުނިތައް އެބަހުރި މާލީ ގޮތުން ހިންދެމިލަން އުދަނގޫވާ ހިސާބަށް ގޮސްފައި ހުރި ކުންފުނިތައް،"

"ކެމްޕެއިން ތެރޭ ވެސް ވަރަށް ބޮޑަށް ދެއްކި ވާހަކައެއް އެއީ ދައުލަތުގެ ކުންފުނިތައް ހުރީ ބަގުރޫޓްވުމާ ހަމައިގައޭ. އެގޮތަށް ބަލާއިރު، އެންމެ ބޮޑަށް ފާހަގަކުރެވުނު އެއް ކުންފުނި ފެނަކައަކީ" މި ސަރުކާރަށް އިޝާރާތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތުގެ ތަފްސީލުތައް އެންމެ ރަނގަޅަށް ދެނެގަނެވޭނީ އިންތިގާލީ ކޮމިޓީތަކުގެ މަސައްކަތްތައް ނިމުމުންކަމަށެވެ.