ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގައި ތަރައްގީކުރާ އާ ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ހޮލިޑޭ ސީޒަންއަށް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ ޖެނެރަލް މެނޭޖާރސް ފޯރަމް ފެށުމުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތްތައް ނިންމުމަށް އަމާޒު ހިފައި ފައިނެންސަރުންނާއި ކޮންޓްރެކްޓަރުންނާ އެކު މަސައްކަތްކުރައްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ ދިވެހީން ދުނިޔޭގައި ހިފަހައްޓަމުން އަންނަ، މާކެޓް ލީޑަޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ އެކުވެސް، ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަގާމު ދެމެހެއްޓުމަށް މަސައްކަތްކުރުންޖެހޭ ކަމަށެވެ.

ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިޔުން ފުޅާކޮށް އެ ސިނާއަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ސިނާއަތަކަށް ހެއްދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާ އެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު ޑޮމެސްޓިކް އެއާޕޯޓްތައް ގާއިމުކުރައްވައި ދަތުރުފަތުރު ނެޓްވޯކް ފުޅާކޮށް ފުރިހަމަކުރައްވާނެކަމަށެވެ. އަދި ރާއްޖޭގެ ދެކުނުގައި ސީޕްލޭން ހަބެއް ގާއިމުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދިވެހި "ޕްރޮޑަކްޓް"ތައް ޕްރޮމޯޓްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފުޅާކުރެއްވުމުގެ އިތުރަށް، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ދައުރު ފުޅާކުރައްވާނެކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރައްވައި، "ވައިޑް ބޮޑީ އޮޕަރޭޝަންސް" އަލުން ފައްޓަވާނެކަމަށް ވިދާޅުވިއެވެ. މޯލްޑިވިއަންއާއި އެމްއޭސީއެލްގެ ހިންގުން ހަރުދަނާކުރައްވައި ދެ ކުންފުންޏަކީ ހާއްސަ ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް، އަދި ޖުމުލަ ގޮތެއްގައި މުޅި ދިވެހި އިގްތިސާދަށް ފައިދާކޮށްދޭ ދެ ކުންފުންޏަށް ހައްދަވާނެކަމަށް ވިދާޅުވިއެވެ.