ވެރިކަމަށް ހުވާކުރައްވާތާ ހަފްތާއެއްގެތެރޭ ރާއްޖޭގައި ގާއިމުވެ ތިބި ހުރިހާ އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިދިޔަ މަހު އޮތް ރިޔާސީ އިންތިޙާބު ކާމިޔާބުކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންތިހާބީ ރައީސް "އަލް ޖަޒީރާ"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި އިންޑިއާ އަދި އެހެން ގައުމެއްގެ ވެސް ސިފައިން ތިބުމަށް ރައްޔިތުން ބޭނުންނުވާކަމަށެވެ. އަދި ރާއްޖޭގައި މިހާރު ތިބި އިންޑިއާ، އަދި އެ ނޫންވެސް ގައުމެއްގެ ސިފައިން ވީ އެންމެ އަވަހަކަށް ދިވެހި ފަސްގަނޑުން ބޭލުމަކީ އެމަނިކުފާނު އެންމެ އިސްކަމެއް ދީގެން ކުރައްވާނެ އެއްކަންތައް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ނިމުމަކަށް ގެންނަން ގިނަބަޔަކު ވޯޓުދިން އެއް ސަބަބަކީވެސް ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެތިބުން ކަމަށެވެ. އަދި ކަނޑައެޅިގެން ތިބީ ކިހާއަދަދެއްގެ ސިފައިންކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، މީޑިއާތަކުންވެސް އެކަން ހާމަކުރަން ގޮވާލުމުން ސަރުކާރުން އެކަމާ އިންކާރު ކުރި ކަމަށެވެ.
އެކަމަކު އެހާ ބައިވަރު ސިފައިން ތިބެދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އިންތިހާބީ ރައީސް، މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ހުވާކުރައްވާތާ ފުރަތަމަ ހަފުތާތެރޭ ވެސް އިންޑިއާގެ ސިފައިންގެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާނަން. މި ޓްރާންޒިޝަނަލް ޕީރިއަޑުގައި އިންޑިއާއިން ރާއްޖެ ކަނޑައަޅުައްވާފައި ހުންނަ ސަފީރާއެކު އަޅުގަނޑު ބައްދަލުކޮށް، މިކަމަށް ހައްލެއް ހޯދުމަށް ވަނީ ވާހަކަ ދެކެވިފައި،" މުއިއްޒު ވިދާޅުވިއެވެ.
އަލް ޖަޒީރާގެ ޕްރެޒެންޓަރު ސާމި ޒެއިދަންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ދިވެހި ތާރީހުގައިވެސް އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމުވެގެން އެގޮތަށް ތިބުމަށް އެއް އިރެއްގައިވެސް ދިވެހިން ބޭނުންވެފައި ނެތް ކަމަށެވެ. އަދި ރާއްޖެ އަކީ ކުޑަކުޑަ ގައުމަކަށްވެފައި، މިތާނގައި ބޮޑު އަސްކަރީ ބާރެއް ނެތް އިރު، އެހެން ގައުމެއްގެ އަސްކަރިއްޔާގެ ސިފައިންގެ މީހުން ތިބުމަކީ ރައްޔިތުންނަށް އޮތް ބިރުވެރިކަމެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރި ނަމަވެސް، އިންޑިއާ އެކު ޒަމާންވީ ގާތް ގުޅުމަށް އަސަރު ނުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އަދި، އެ ގުޅުން އެގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކަށް އިންޑިއާ އިން ދޭ އެހީތެރިކަން ބަލައިގަންނާނެ ކަމަށާއި ރާއްޖޭގައި އިތުރަށް އިންވެސްޓްކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ ވެސް ޝައުގުވެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް