އަންނަ އަހަރުގެ އޭޕްރީލް މަސް ތެރޭގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން މަދުވެގެން 60 ގޮނޑި ޕީޕީއެމް/ޕީއެންސީ އިން ކާމިޔާބު ކުރުމަކީ އަމާޒެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސަންގު ޓީވީ" އިން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބުގައި ދިވެހި ރައްޔިތުން އެމަނިކުފާނަށް ދެއްވި ތާއީދަށް ބަލާއިރު ރައްޔިތުންގެ ވިސްނުން ހުރީ ޕީޕީއެމް/ޕީއެންސީއާއެކު ކުރިޔަށް ދިއުމަށް ކަމަށެވެ. އަދި ގައުމު ހަމަ މަގަކަށް އަޅުވާ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރުމަށް ޕީޕީއެމް/ޕީއެންސީ އަށް ފުރުސަތު ދިނުމަށް ރައްޔިތުންގެ ވިސްނުން ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ދެތިން ހަތަރު މަސް އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރުން ވެސް މަސައްކަތް ކުރައްވާނީ އެ ވިސްނުމުގައި ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ރައްޔިތުން ގާތުގައިވީ ވައުދުތައް ފުއްދުމަށް އަވަހަށް މަސައްކަތްތައް ފައްޓާ ރާއްޖޭގެ އިގްތިސޯދު ވެސް ކޮޅަށް ޖެހުމަށް ކުރިޔަށް އޮތް ދެތިން ހަތަރު މަހެއްގެ ތެރޭގައި މަސައްކަތް ފައްޓަވާނެ ކަމަށް އިންތިހާބީ ރައީސް، މުއިއްޒު ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން އެ ހުރިހާ ކަމެއްވެސް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަކީ މުހިއްމު ދައުރެއް އަދާ ކުރާ އިދާރާއެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް މަޖިލީހުގައި ތިބުން މުހިއްމު ކަމަށެވެ. މުއިއްޒު ވިދާޅުވީ އޭރުން ކަންކަން ބާރު ސްޕީޑުގައި ކުރިޔަށް ގެންދިއުމަށް މާ ބޮޑަށް ވެސް ފަސޭހަ ވެގެން ދާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ 20ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނީ ވަރަށް ބޮޑަށް ރައްޔިތުން ބަލައިގަންނަ ބޭފުޅުން ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ތައުލީމީ ބޭފުޅުންނަށް ވުމަކީ ވެސް ބޭނުންފުޅުވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގައި އަންހެން ކަނބަލުން ތިއްބަވާ ނިސްބަތް ގިނަ ކުރުމަކީ ވެސް ބޭނުންފުޅުވާ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ