އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިތުރު ދައުރެއް ހޯދައިދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޑިރެކްޓަ ޖެނަރަލް އޮފް ޓްރާންސިޝަން އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

އިންތިހާބީ އޮފީހުން މިއަދު ބޭއްވި ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމަށް ކުރާ ފުރަތަމަ މަސައްކަތެއްގެ ގޮތުން މި ހިނގާ ޓްރާންސިޝަން މުއްދަތުގައި ދައުލަތުގެ އިދާރާތަކުގެ ހާލަތު ހުރި ނެތް ގޮތް ވަޒަންކުރަމުން ގެންދަވާ ކަމަށެވެ.

މުއިއްޒުގެ ސަރުކާރުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތް އެނގޭނީ ދައުލަތުގެ އިދާރާތަކުގެ ހާލަތު އެނގިގެން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ވިދާޅުވީ މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވި ގޮތުންނަމަ މުއިއްޒުގެ ފަސް އަހަރުގެ ދައުރެއް ނިންމާލާނީ އަންނަ ފަސް އަހަރަށް ވީ ވައުދުތައް ދެން އަންނަ ދައުރެއްގައި ފުއްދައިދޭނަމޭ ނުބުނެވޭ ވަރަށް މަސައްކަތް ކޮށްފައި ކަމަށެވެ.

"ފަސް އަހަރު ފަހުން އަނެއްކާވެސް ޑރ. މުއިއްޒު ގޮވައިގެން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން. ފަސް އަހަރު ނިންމާފައި ދެން އަންނަ ފަސް އަހަރަކަށް ޑރ. މުއިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕެއިނަށް ދާނީ އަޅުގަނޑުމެން ވީ ވައުދުތައް ފުއްދާފައި،" އަދުރޭ ވިދާޅުވިއެވެ.