ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ގޮތުން ސިޔާސީ ނުފޫޒު ކުޑަނުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެމްޑީޕީ އަށް ފާޑު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ދެ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައި ވަނީ، ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި އާއްމުންނާއި ޖަމިއްޔާތަކުގެ އިތުރުން ކަމާބެހޭ އެހެން ފަރާތްތަކާ ވެސް ބައްދަލުކޮށް ހިޔާލު ހޯދައިގެން، ތިން މެމްބަރަކު އުނިކޮށް ހަތް މެމްބަރުންނަށް ބަދަލުކުރާށެވެ.

މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައުމުގެ ކުރިން ހުށަހެޅި މެނިފެސްޓޯގައި ރިޔާސީ ވައުދެއްގެ ގޮތުގައި ޖޭއެސްސީ އިސްލާހުކުރަން ހިމެނި އިރު އޮތް ގޮތަށް ނޫން ކަމަށެވެ.

ބިލުގައި ހުރި މާއްދާތަކުގެ ތެރެއިން ހަސަން އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ ޖޭއެސްސީގައި ބައެއް ފަނޑިޔާރުން ތިއްބަވާ ގޮތަށް އޮތް އޮތުމެވެ.

"....ފަނޑިޔާރުގެތަކުގައި ތިބި ފަނޑިޔާރުންނަށް، އެ ބޭފުޅުން ކުރާ މަސައްކަތަށް ފާރަވެރި ވެވިދާނެ ކަމަކަށް،" ހަސަން ވިދާޅުވިއެވެ.

އެ ބިލަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޖޭއެސްސީ އިސްލާހު ކުރުމުގެ ބިލު ސަރުކާރުން ހުށަހެޅީ ވަކި ބަޔަކަށް އަމާޒުކޮށްގެން ކަމަށާއި ފަސް އަހަރު ތެރޭގައި ޖޭއެސްސީ އިސްލާހުނުކޮށް ތިބެފައި އެމްޑީޕީން އިސްލާހު ހުށަހެޅި އިރުވެސް މި ކަން މި އޮތީ ވައުދުވި ގޮތާ މުޅިން ހިލާފަށް ކަމަށެވެ.

ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު (ނިޔާ) ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލު އޮތް ގޮތުން ސިޔާސީ ނުފޫޒުން މުޅިން އެއްކިބާ ނުވިޔަސް، ބިލު އޮތީ އެ ނުފޫޒު ކުޑަވާ ގޮތަށް ކަމަށެވެ. އަދި ބިލު ހުށަހަޅާފައިވަނީ ކޮމިޝަނުން ވަކި މެމްބަރު ވަކިކުރަން ކަމަށް ބުނާ ބުނުމުގެ އެއްވެސް އަސާސެއް ނެތް ކަމަށް ވެސް ނިޔާ ވިދާޅުވިއެވެ.