މީގެ ތިން ހަފްތާ ކުރިން ހިއްކަން ފެށި ހުޅުމާލެ ފޭސް ތިނެއްގެ 70 ޕަސެންޓު ހިއްކާ ނިމިފައިވާ ކަމަށް އާބަންކޯ އިން ހާމަކޮށްފިއެވެ.

އެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ މަޝްރޫއުއެކެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހުޅަނގުން އޮންނަ ފަޅުތެރެ ހިއްކައިގެން، 63 ހެކްޓަރުގެ ބިމެއް އުފައްދާނެއެވެ.

އާބަންކޯ އިން މިރޭ ބުނީ ހުޅުމާލެ ފޭސް 3 ގެ ސައިޓް އޭގެ 70 ޕަސެންޓު ހިއްކަ ނިމިފައިވާ ކަމަށާއި އަދި މި ހަފްތާގެ ހުކުރު ދުވަހަށް ސައިޓް އޭ އެއްކޮށް ހިއްކާ ނިންމާލެވޭނެ ކަމަށެވެ.

ސައިޓް އޭ އަށްފަހު ހިއްކުމަށް ހަމަ ޖެހިފައިވަނި ސައިޓް ބީއެވެ. އެހެންކަމުން ސައިޓް ބީގެ މަސައްކަތް ފެށުމަށް އެސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް، އެ ސަރަހައްދުން ވީހާވެސް އަވަހަކަށް ނެގުމަށް އާބަންކޯ އިން ވަނީ އެދިފައެވެ.

އެ މަޝްރޫއުއަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތި ކަމަށް ބޮޑު ލުޔެއް ލިބި، ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުން ދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއުއެއް ކަމަށް އާބަންކޯ އިން ބުނެއެވެ.

އާބަންކޯއިން ބުނީ އަލަށް ހިއްކާ ތިން ވަނަ ފިޔަވަހީގައި ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތައްހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގޭނެ ގޮތަށް އެތަން ތަރައްގީ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.