އިންތިހާބީ ރައީސާއި ނާއިބު ރައީސް ހުވާ ކުރުމުގެ އިންތިޒާމްތަކާއި ގުޅޭ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަން ކޮމެޓީން މަޖިލީހުގެ އިސްވެރިންނާއި ބައްދަލުކޮށްފިއެވެ.

މަޖިލީހުގެ އިދާއިން ''އެކްސް'' ގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާ އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް، މަގާމުގެ ހުވާކުރެއްވުމުގެ ޖަލްސާގެ އިންތިޒާމުތަކާ ގުޅޭގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ ޑިރެކްޓާ ޖެނެރަލަކީ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް (އަދުރޭ) އެވެ.

އިންތިހާބީ ރައީސްއާ ނައިބް ރައީސް ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. އިންތިހާބީ ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެފައިވާ ގޮތުންނަމ އިންތިހާބީ ރައީސް އަދި ނާއިބު ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ކަންކަން ގާނޫނުއަސާސީން މަތި ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހާ ކަމަށެވެ. އެގޮތުން އެ ރަސްމިއްޔާތުގެ އެންމެހާ ކަންކަން ހިނގަމުން ދާނީ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިންކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

ފިރުޒުލް ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް އިންތިހާބީ ރައީސް އެދިވަޑައިގަންނަވާ އެދިވަޑައިގަތުންތަކަށް މަޖިލީހުން އިޖާބަދޭ ކަމަށެވެ. މީގެކުރިންވެސް އެކަންކަން އެގޮތުގެ މަތިން ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި މިފަހަރުވެސް މަޖިލީހުގެ އިދާރާ އިން އެކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ 17 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް މޫސުން ތަން ނުދޭ ނަމަ ހުވާ ކުރުމުގެ ރަސްމިއްޔާތާ ގުޅޭ ގޮތުން ބައެއް ކުދި ކުދި ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.