ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑްކަޕްގެ 2030 ވަނަ އަހަރުގެ މުބާރާތުގެ ބައެއް މެޗުތައް ދެކުނު އެމެރިކާގައި ކުޅުމާ ދެކޮޅު ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ބުނެފިއެވެ.
ފީފާއިން މިދިޔަ ހަފުތާ ވަނީ 2030 ވަނަ އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމުތައް އިއުލާންކޮށްފައެވެ. އެގޮތުން ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯ ގުޅިގެން ކޮށްފައިވާ ބިޑް ކާމިޔާބުވިކަން ފީފާއިން އިއުލާން ކުރިއެވެ. އަދި އެއާއެކު އެ މުބާރާތުގެ ބައެއް މެޗުތައް ދެކުނު އެމެރިކާގައިވެސް ކުޅޭނެކަން ފީފާއިން އިއުލާންކުރިއެވެ. އޭގެ ސަބަބަކީ އެ އަހަރަކީ ވޯލްޑްކަޕް ބާއްވާތާ 100 އަހަރު ފުރުން ފާހަގަކުރުން ކަމަށާއި، ދެކުނު އެމެރިކާ އަކީ ފީފާ ވޯލްޑްކަޕް ފެށިގެން އައި ސަރަހައްދުކަމަށް ފީފާއިން ބުނެފައިވެއެވެ.
އެއާއެކު އެ މުބާރާތް ވެގެންދާނީ ތިން ބައްރެއްގައި ކުޅެވިގެންދާނެ ފުރަތަމަ ވޯލްޑްކަޕަށެވެ. އެ މުބާރާތް އެންމެ ފުރަތަމަ ފަހަރަށް 1930 ވަނަ އަހަރު އުރުގުއޭގައި ފެށި އިރު، އެ ގައުމާއެކު އާޖެންޓީނާ އަދި ޕެރަގުއޭގައި ވެސް 2030 ވަނަ އަހަރުގެ މެޗުތައް ކުޅޭނެކަން ފީފާއިން ވަނީ އިއުލާންކޮށްފައެވެ. އެ ގައުމުތަކުގައި ކުޅޭނީ މުބާރާތުގެ ފުރަތަމަ ތިން މެޗެވެ.
ފީފާގެ މި ނިންމުމާއެކު ފްރާންސްގެ ކޯޗު ޑެޝޯމްޕް ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. އޭނާ ބުނީ އެކަމުގެ ސަބަބުން ބައެއް ގައުމުތަކަށް އިންސާފުވެރި ނޫން ކަމަށެވެ. އެގޮތުން ދެކުނު އެމެރިކާގެ ގައުމުތަކަށް ފަސޭހަތަކެއް އެކަމުގެ ސަބަބުން ހުންނާނެ ކަމަށާއި، ދެން ހުރި ގައުމުތައް ދިގު ދަތުރުތަކެއް ކުރަން ޖެހިދާނެ ކަމަށް ޑެޝޯމްޕް ވަނީ ބުނެފައެވެ.
"އަހަރެންނަކަށް ނޭންގެ މިއީ ކާކު ހަދައި ގަވާއިދުތަކެއް ކަމެއް. އެކަމަކު މިކަންކަން ހުންނަން ޖެހޭނެ ކަމަށް އަހަރެންނަށް ގަބޫލުކުރެވެނީ ކުޅިވަރުގެ އުސޫލުތަކާއި އެއްގޮތަށް. މި ބަދަލަކީ ކުޅިވަރަށް އޭގެން ކިހާ ފައިދާއެއް ވާނެ ކަމެއްތޯ އެބަ ޖެހޭ ބަލަން،" ޑިޝޯމްޕް ބުނެފައިވެއެވެ.
އޭނާ ބުނީ ފީފާއިން ކަންކަން މިގޮތަށް ނިންމާއިރު، ޓްރެންޑެއްގެ ގޮތުގައި ކަންކަން ކުރުމުގެ ބަދަލުގައި ކުޅުންތެރިންނާއި ޓީމުތަކާ ދޭތެރޭ ފުންކޮށް ވިސްނުން މުހިއްމު ކަމަށެވެ.
ފީފާއިން މިހާރު ވަނީ 2034 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވުމަށްވެސް ބިޑް ހުޅުވާލައިފައެވެ. އެ ބިޑް ކާމިޔާބު ކުރުމަށް ސައުދީ އަރަބިއްޔާއިން މިހާރު ވަނީ މަސައްކަތް ފަަށައިފައެވެ. އެގޮތުން ދިވެހި ރާއްޖެއިން ވެސް ވަނީ ސައުދީގައި އެ މުބާރާތް ބޭއްވުމަށް ތާއީދުކޮށް އެކަން ރަސްމީކޮށް އިއުލާންކޮށްފައެވެ.